ލީމާ ނަރުހެއްގެ ގޮތުގައި ސިއްރުން ތަމްރީނު ހޯދަމުން އަންނަ ހޮސްޕިޓަލް ތާލިބާނުން އެންމެ ފަހުން ބަލާ ފާސްކުރި ދުވަހު އޭނާ މަޑުކުރީ ގޭގައެވެ.

ފަސް އަހަރުގެ މެޑިކަލް ތަމްރީނަށްފަހު ލީމާ، 28، ޑޮކްޓަރެއްގެ ގޮތުގައި ދިރިއުޅޭތާ އެއް އަހަރު ވާން ޖެހޭ އިރު، އޭނާއަށް ޑޮކްޓަރެއްގެ ހައިސިއްޔަތުން ޕޭޝަންޓުންނަށް ފަރުވާ ދެވެންޖެހޭނެއެވެ. އޭގެ ބަދަލުގައި އޭނާ ކުރަމުން އަންނަ މަސައްކަތަކީ ޕޭޝަންޓުންގެ ފިނިހޫނުމިން ބެލުމާއި، އިންޖެކްޝަންތައް ޖެހުމެވެ. ކާބުލްގެ އެމަޖެންސީ ރޫމެއްގައި މި މަސައްކަތް އޭނަ ކުރަމުން އަންނަތާ ތިން މަސް ވެއްޖެއެވެ. މިއީ ކެރިއަރުގެ މި ދަނޑިވަޅުގައި އޭނާ ކުރާނެކަމަށް އުންމީދުކުރި މަސައްކަތެއް ނޫން ނަމަވެސް އެންމެ ކުޑަމިނުން މިކަން ކުރަން ލިބުމުންވެސް އޭނާ ހުރީ އުފަލުންނެވެ.

"ހޮސްޕިޓަލުގައި އުޅުމުގެ މާނައަކީ އަހަރެން މަސައްކަތް ކުރަން ބޭނުންވާ ދާއިރާއާ ގާތްކަމުގެ އިހުސާސްވުން. މިހެން މަސައްކަތުގައި އުޅޭ އިރުވެސް، އަހަރެންގެ އަސްލު ދާއިރާއާ ގުޅިފައި ހުރުމަށް އެހީވެދޭ." ލީމާ ބުންޏެވެ.

އަންހެނުންނަށް މަތީ ތައުލީމް ދިނުން ތާލިބާނުން މިދިޔަ ޑިސެމްބަރު މަހު މަނާކުރި އިރު، ލީމާ ހުރީ ކާބުލްގެ މެޑިކަލް ސްކޫލަކުން ދަސްވެނިވުމާ ހަފުތާއެއްހާ ދުވަސް ދުރުގައެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މެޑިކަލް ވޯކަރުންގެ ގޮތުގައި މިހާރުވެސް ކޮލިފައިވެފައިވާ އަންހެނުންނަށް ވަޒީފާގައި ދެމިތިބުމުގެ ހުއްދަ ދީފައިވީ ނަމަވެސް އަލަށް އެއްވެސް އަންހެނަކަށް މި ދާއިރާއަށް ނުކުމެ މަސައްކަތް ނުކުރެވޭގޮތަށް ތާލިބާނުން ވަނީ އަންގާފައެވެ.

މެޑިކަލް ސްކޫލްތަކުން ދަސްވެނިވި 3،000 އަށް ވުރެ ގިނަ އަންހެނުންނަށް ޕްރެކްޓިސް ކުރަން ބޭނުންވާ ބޯޑު އިމްތިހާނުތައް ބޭއްވުން މަނާކޮށް، އަންހެން މެޑިކަލް ވޯކަރުންގެ ދަތިކަން މިހާރުވެސް ކުރިމަތިވެފައިވާ ގައުމަށް އާ ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ބޭސްވެރިކަމުން ކުރިއަށް ދިއުމަކީ ލީމާ މުޅި އުމުރު ދުވަހު ދެކެމުން އައި ހުވަފެނެކެވެ. ސާޖަނަކަށް ވާން އޭނާ އެދެނީ، ސާޖަނުންގެ ދަތިކަން ކުރިމަތިވެފައިވާކަން އެނގޭތީއެވެ.

"އަހަރެންގެ އެންމެ ބޮޑު އުއްމީދަކީ މީހުންނަށް އެހީވުން." އޭނާ ބުންޏެވެ.

އޭނާގެ އާއިލާ ޕާކިސްތާނުން އަފްޣާނިސްތާނަށް ދިރިއުޅުން ބަދަލުކުރީ ކާބުލްގެ ޔުނިވާސިޓީގައި ކިޔެވުމުގެ ބޭނުމުގައެވެ.

ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރުން އަންހެނުންނަށް މަނާކުރި ވާހަކަ އަލަށް އަޑުއިވުނު ދުވަހު ލީމާ އާއި އޭނާގެ ކްލާސްކުދިން ތިބީ އެކުގައި މެންދުރުގެ ކެއުމަށެވެ. މިކަމުގެ ސަބަބުން އެމީހުންގެ މުސްތަގްބަލަށް ކުރާނެ އަސަރާއި، އެކަކު އަނެކަކު ދެން ނުފެންނާނެކަމުގެ ބިރު ހީވުމުން އެންމެން ރުއެވެ. ފިރިހެނަކާ ނުލާ އަންހެނުން ގެއިން ބޭރަށް ނުކުތުން ތާލިބާނުން ހަރުކަށިކޮށް މަނާކުރުމުން ރައްޓެހިންނާ ބައްދަލުކުރުމަކީ ގާތްގަނޑަކަށް ނާދިރު ކަމެކެވެ.

އެ ހަބަރު ފެތުރުމާއެކު ލީމާ އޭނާގެ ޕްރޮފެސަރަކަށް ގުޅައި، އެ ހަފުތާގައި އޭނާ އާއި އޭނާގެ ކްލާސްކުދިންނަށް އިމްތިހާނު ހަދަން ފުރުސަތު ދިނުމަށް އެދުނެވެ. އެގޮތަށް އެދުނީ ރަސްމީ ނަތީޖާއެއް ހޯދުމަށްވުރެ، އެކަން ކުރެވޭނެތޯ އެނގުމުގެ ބޭނުމުގައެވެ. ޕްރޮފެސަރު އެއްބަސްވި ނަމަވެސް ލީމާ އާއި އޭނާގެ ކްލާސްކުދިން ޓެސްޓު ހަދަން ޔުނިވާސިޓީއަށް ދިޔައިރު ހަތިޔާރު ހިފައިގެން ތިބި ތާލިބާނުން ޔުނިވާސިޓީގެ ދޮރު ކުރިމަތީގައި ތިއްބެވެ.

ލީމާ ގާތު ޕްރޮފެސަރު ބުނީ އެކަން ކުރުން މިހާރު ރައްކާތެރި ނޫން ކަމަށެވެ.

ސެޕްޓެމްބަރު 20، 2021: އަފްޣާނިސްތާނުގެ ހެރާތުގައި ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުން ކުރިއަށް ގެންދިއުމުގެ ހައްގު ހޯދައިދިނުމަށް ގޮވާލައި ހެރާތުގެ އަންހެން ކުދިންތަކެއް އެއްވެފައި

ސިއްރު އިންޓާންޝިޕެއް

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ގިނަ އަންހެނުން އެމީހުން ހިޔާރުކުރި މަގު ދޫކޮށްލުމަށް ދެކޮޅު ހަދައި އަމިއްލައަށް ނުވަތަ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ނިންމީ ކޮންމެވެސް ދުވަހަކުން އަނެއްކާވެސް ޔުނިވާސިޓީ އާއި މެޑިކަލް ސްކޫލުގައި ރަސްމީކޮށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ބައެއް އަންހެނުން ވަނީ ސިއްރު އިންޓާންޝިޕާއި ރެސިޑެންސީ ފުރުސަތުތައް ހޯދައި، ސިއްހީ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ހޯދަން މަސައްކަތް ކޮށްފައެވެ.

"މިގޮތަށް ކުރާ މަސައްކަތަކީ ކިޔެވުމާއި އިލްމަށް ފިނި ބުއިމެއް ފަދަ. އަހަރެން ބޭނުންވާ އަމާޒަށް ވާސިލްވުމަށް މިވަގުތު މަސައްކަތް ކުރެވެން ހުރީ މިހެން." ނޫރް (އަސްލު ނަމެއް ނޫން) ބުންޏެވެ. ލީމާ ފަދައިން އޭނާ ވެސް މެޑިކަލް ސްކޫލުން ގްރެޖުއޭޓްވާން އުޅެނިކޮށް ތާލިބާނުން މަނާކުރުމުގެ ސަބަބުން އޭނާގެ ކިޔެވުން ކުއްލިއަކަށް ހުއްޓިގެން ދިޔައީއެވެ.

ބޭސްވެރިކަމުގެ ދާއިރާއިން ކުރިއެރުމަށް އަމިއްލައަށް ކިޔެވުމުގައި އެތައް މަހެއް ހޭދަކުރިއެވެ. ނޯޓްތައް ރިވިއުކޮށް، އިނގިރޭސި ބަހުން މެޑިކަލް ފޮތްތައް ކިޔެވުމާއި، އޮންލައިން ކޯސްތައް ހަދައި، އޭނާގެ އިލްމުގައި އެއްވެސް ފަރަގެއް ހުރިކަމަށް ގަބޫލުކުރެވޭ ކަންކަމުން ކުރިއެރުމަށް ހާއްސަ އިސްކަމެއް ދިނެވެ. އެކަމަކު ހަފުތާތަކެއް ވަންދެން އެކަނި މަސައްކަތް ކުރަމުން ގޮސް، ނަފްސާނީ ގޮތުން މީހާ ބަލިކަށިވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ދުވާލަކު ގަޑިއިރެއް ވަންދެން މޯޓިވޭޝަނަލް ސްޕީޗުތައް އަޑުއެހުމަށް ފަހު މަސައްކަތް ކުރަމުން ދިޔައީ ކުރިއަށް ދިއުމުގެ އަމާޒުގައެވެ.

މަނާކުރިތާ ނުވަ މަސް ފަހުން ސެޕްޓެމްބަރު މަހު ނޫރު ވަނީ ޔުނިވާސިޓީ އަލުން ހުޅުވާނެ ކަމުގެ އުއްމީދު ގެއްލުވާލައި، 2020 ވަނަ އަހަރު ދެ މަސް ދުވަހުގެ އިންޓާންޝިޕެއް ދޭން ގުޅި ހޮސްޕިޓަލަކަށް ގުޅާފައެވެ. އިންޓާންޝިޕް ފުރިހަމަކުރުމަށް ހޮސްޕިޓަލަށް އައުމަށް އެމީހުން އެއްބަސްވިއެވެ. އެންމެންވެސް އެކަން ވަނީ ސިއްރުކޮށްފައެވެ.

ދެ މަހުގެ އިންޓާންޝިޕް ހަމަވުމުން، ހޮސްޕިޓަލުން ވަނީ ނޫރް ބޭނުންހާ ހިނދަކު ސާޖަރީތައް އޮބްޒާވްކުރުމަށް ފުރުސަތު ދީފައެވެ. ނޫރު ބުނި ގޮތުގައި އެތަނުގައި އޭނާ ކިޔަވާތަން ތާލިބާނުންނަށް ފެނިއްޖެ ނަމަ ވާނެ ގޮތަކާ މެދު ވިސްނަން ވެސް އޭނާ ބިރުގަންނަ ކަމަށެވެ. މެޑިސިން ކިޔަވާ ނުވަތަ އިންޓާންޝިޕް ހަދާ އަންހެނުން ފެނިއްޖެނަމަ ހޮސްޕިޓަލްތަކުން ވަކިކޮށް، އެނބުރި ގައުމަށް އައުން މަނާވާނެހެން ފޮނުވާލާނެ ކަމަށް ބެލެވެއެވެ. އަންހެން ކުދިންގެ ކިޔެވުން މަނާކުރުމާ ހިލާފުވާ އެކްޓިވިސްޓުން މިހާރުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކިތަންމެ ނުރައްކަލެއް އޮތް ނަމަވެސް މަތީ ތައުލީމު ދިނުން މަނާކޮށްފައި އޮތް އޮތުން މުޅިން އުވާލަން ކުރާ މަސައްކަތް ހުއްޓާލަން އަންހެނުން ދެކޮޅު ހަދައެވެ.

"އަފްޣާނިސްތާނުގެ ތާރީހުގައިވެސް މިހާ ތައުލީމީ، އެމީހުންގެ ވާޖިބުތަކާއި ހައްގުތަކާ ބެހޭ ގޮތުން ވަރަށް ރަނގަޅަށް ހޭލުންތެރި އަންހެނުންތަކެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ. އެމީހުން ހިމޭންކުރުމަކީ ނާދިރު ކަމެއް. އެމީހުން އެއްފަރާތް ކުރުމަކީ ނާދިރު ކަމެއް." ލަންޑަނަށް ނިސްބަތްވާ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް އަދި އަފްޣާން ރެޑް ކްރެސެންޓް ސޮސައިޓީގެ ކުރީގެ ރައީސް ފާތިމާ ގެއިލާނީ ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022، އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ އިންދިރާ ގާންދީ ޗިލްޑްރަންސް ހޮސްޕިޓަލުގައި އަފްޣާނިސްތާނުގެ ނަރުހުން މުސާރަ ހޯދަން އިންތިޒާރުކުރަނީ

އަންހެނުންގެ ސިއްހީ ހިދުމަތް ނުރައްކަލަށް

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމާ ހަވާލުވުމަށްފަހު އަންހެނުންގެ ހައްގުތަކަށް މެދުމިނުގެ ވިސްނުމެއް ގެންގުޅޭނެ ކަމަށް އެންމެ ފުރަތަމަ ވައުދުވި ނަމަވެސް، މަތީ ތައުލީމު ދިނުން މަނާކުރުމަކީ މުޖުތަމައުގައި އަންހެނުންގެ ދައުރު ހަނިކުރުމަށް ހަތިޔާރު އެޅި ޖަމާއަތުން އެޅި ގިނަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތާލިބާނުން ވަނީ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށް، އަންހެނުން ހިޖާބު އެޅުމަށާއި ހަމައެކަނި ފިރިހެނަކާއެކު ދަތުރު ކުރަން ޖެހޭ ގޮތަށް ހަރުކަށި އުސޫލެއް އެކުލަވާލާފައެވެ. ބިއުޓީ ސެލޫންތައް ބަންދުކޮށް، ގެވެށި އަދި ބައިނަލްއަގުވާމީ އަމިއްލަ އެހީދޭ ޖަމާއަތްތަކާ އެކު މަސައްކަތް ކުރުމަށް އަންހެނުންނަށް ހުރަސް އެޅުމުން ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

"ތާލިބާނުންގެ ދަށުގައި އޮތް އަފްޣާނިސްތާނަކީ އަންހެނުންގެ ހައްގުތަކަށް ދުނިޔޭގެ އެންމެ އަނިޔާވެރި ގައުމު." އަފްޣާނިސްތާނުގައި ހުންނަ އދގެ އެސިސްޓެންސް މިޝަން (ޔޫއެންއޭއެމްއޭ) ގެ ވެރިޔާ ރޯޒާ އިސަކޮވާނާ އޮޓުންބަޔޭވާ މިދިޔަ މާޗް މަހު އެ ގައުމާ ބެހޭ ސެކްރެޓަރީ ޖެނެރަލްގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވި އެންމެ ފަހުގެ ރިޕޯޓުގައި ވެއެވެ.

އަފްޣާނިސްތާނަކީ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ގައުމަކަށްވާތީ، އަންހެން ޑޮކްޓަރުން ގެނައުމަށް އަފްޣާނިސްތާނަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެކަން މަނާކުރާ ސާފު ގާނޫނެއް ނެތަސް އަފްޣާނިސްތާނުގެ އާދަކާދައިގެ ގިނަ އާއިލާތަކުން އެމީހުންގެ އަންހެން ގާތް ތިމާގެ މީހުން ފިރިހެން ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތެއް ނުދެއެވެ. އަންހެން ޑޮކްޓަރަކަށް ދެއްކުމަށް ގިނަ ފަހަރަށް އަންހެނުން އެތައް ގަޑިއިރެއް ވަންދެން ދަތުރުކުރަން ޖެހޭ ރަށްފުށުގެ ސަރަހައްދުތަކުގައި މިއީ ބޮޑު މައްސަލައެކެވެ. މިހާރުގެ ޖީލުގެ އަންހެން ޑޮކްޓަރުންނާއި ނަރުހުން ރިޓަޔާ ކުރުމުން މިއީ ވެސް އޮޕްޝަނަކަށް ނުވެދާނެއެވެ.

"ކާބުލްގައި ވެސް އަދި ޕްރޮވިންސްތަކުގައި ވެސް އަންހެނުންނަށް އަންހެން ޑޮކްޓަރުން ނެތުމުގެ މައްސަލަ އެބަ ދިމާވޭ. ސިއްހީ ވަސީލަތްތައް ނުލިބުމުގެ ސަބަބުން އެމީހުންނަށް ދަނީ ދަތިތައް ކުރިމަތިވަމުން. އެމީހުން ބޭނުންވާ ފަރުވާތައް ނުލިބޭ." ބޭރުގެ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ އަފްޣާނިސްތާނުގައި ހުންނަ ސްވިޑެން ކޮމިޓީގެ ޑެޕިއުޓީ ކަންޓްރީ ޑިރެކްޓަރު އަމީނުލްހާކް މަޔެލް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2020 ވަނަ އަހަރު އަންދާޒާކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގައި ދުވާލެއްގެ މައްޗަށް 24 އަންހެނަކު މަރުވަމުން ދަނީ މާބަނޑުވުމުގެ ސަބަބުން ނުވަތަ ވިހެއުމާ ގުޅުންހުރި ސަބަބުތަކަކުންނެވެ. މިއީ ދުނިޔޭގައި އެންމެ މަތީ ރޭޓެއްގެ ގޮތުގައި ހިމެނުނު ނަމަވެސް، މިއީ 2001 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށް އަދަދެކެވެ.

މީގެ ދެ އަހަރު ކުރިން ތާލިބާނުންގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން އަފްޣާނިސްތާނަށް ބޭރުގެ އެހީއާއި އިންވެސްޓްމަންޓްގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ގެއްލުނެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ގައުމީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ 80 އިންސައްތަ މީހުން ވަނީ އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބުމާއި މުވައްޒަފުންގެ ދަތިކަން ނުވަތަ މެޑިކަލް ސަޕްލައިގެ ދަތިކަމުގެ ސަބަބުން އޮޕަރޭޝަނަލް ދަތިތައް ކުރިމަތިވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ. ރެޑްކްރޮސް އާއި އދ އަށް މަޖުބޫރުވީ ފިޔަވަޅު އަޅައި އެތައް ހާސް މުވައްޒަފުންގެ މުސާރަ ދިނުމަށެވެ.

އަދި ބައެއް ހޮސްޕިޓަލްތައް ވަނީ ބަންދުކޮށްފައެވެ. ގިނަ ޑޮކްޓަރުން ތަކެއް ފިލައިގެން ދިއުމުން މަޑުކުރި ޑޮކްޓަރުންގެ މަސައްކަތް ބުރަވެގެން ދިޔައެވެ.

މިހާރު އަންހެނުން ޔުނިވާސިޓީއަށް ދިއުން މަނާކޮށްފައިވާތީ، މުސްތަގުބަލުގައި އަންހެނުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި

ކައިވެންޏަށް ޕްރެޝަރު ކުރި - "އަހަރެންގެ ހުވަފެންތަކަށް ނިމުމެއް"

"ޔުނިވާސިޓީތަކުން އަންހެނުންނަށް ކިޔަވައިދިނުމުގެ ފުރުސަތު ނުދީފިނަމަ އަދި އަންހެނުންނަށް މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލް ނުކުރެވޭނަމަ އެއީ މުޅިން ވެސް ގެއްލުން ހުރި ކަމެއް." ގެއިލާނީ ވިދާޅުވި އެވެ. "އަންހެން ޑޮކްޓަރުން ނެތުމަކީ އަންހެނުންގެ ސިއްހަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް. މާބަނޑު މީހުން މަރުވާ މިންވަރު އިތުރުވާނެ. މިހާރު ވެސް މައްޗަށް ހިނގައްޖެ."

ލީމާ ބުނި ގޮތުގައި އަންހެން ޑޮކްޓަރުން މަދުވުމުގެ ސަބަބުން ސިއްހީ ހިދުމަތްތަކަށް އަންނަ ހީނަރުކަން މިހާރު ވެސް ވަނީ ފެނިފައެވެ. އެ ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނެތުމުން ވިހެއުމާ ގުޅުން ހުރި މައްސަލަތައް ހުންނަ އަންހެނުން ގެނައުމަށް ދެކޮޅު ހަދަން ޖެހެއެވެ. ފޫޅުމައިން ތިބި ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ޑޮކްޓަރުން ބޭނުންވެއެވެ.

އެހެން ހޮސްޕިޓަލްތަކުން ޖާގަނުހޯދުނު އަންހެނުންނަށް ވީ ގޮތެއް ލީމާއަށް ނޭނގުނަސް އެމީހުންގެ ދުޅަހެޔޮކަމާ މެދު ލީމާ ބިރުގަނެއެވެ.

ލީމާ އަދިވެސް ބޭނުންވަނީ ޑޮކްޓަރަކަށް ވާން ކަމަށާއި ނަމަވެސް ނަރުހަކަށް ވުމުގެ މަގުގައި މަޑުކުރި ނަމަވެސް ނަރުހުންގެ ދާއިރާއިން ދެ އަހަރު ސްޕެޝަލައިޒްޑް ތައުލީމް ހާސިލް ކުރުމަށް ފަހު އަންނާނެ ރަސްމީ ސެޓްފިކެޓްތައް ނެތެވެ. އޭނާގެ މެޑިކަލް ތައުލީމަކީ ނުރަސްމީކޮށް ހޮސްޕިޓަލަށް ގެންދިއުމަށް ފުދޭ ވަރުގެ ތައުލީމެއް ނަމަވެސް ރަސްމީކޮށް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ނުފުދޭނެއެވެ.

ތާލިބާނުން އޭނާ ނުހިފެހެއްޓި ނަމަވެސް އޭނާގެ ސިއްރު ތަމްރީނުތައް ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކަށް ކަމެއް ލީމާއަކަށް ނޭނގެއެވެ. އެކަށީގެންވާ ލިޔެކިޔުމެއް ނެތި، ތަމްރީނު ނިމޭއިރު ވަޒީފާގެ ފުރުސަތެއް ނުލިބެއެވެ. ރެޒިޑެންސީއަށް އޭނާ މަހަކު 10،000 އަފްޣާނީސް (142 ޑޮލަރު) ދައްކައެވެ.

އަފްޣާނިސްތާނުގައި އެވްރެޖް މުސާރައިގެ ރަސްމީ ތަފާސް ހިސާބެއް ނެތް އިރު، ބައެއް ޕްރައިވެޓް ޑޭޓާ ސޯސްތަކުން މަހަކު ގާތްގަނޑަކަށް 180 ޑޮލަރަށް އަރާކަމަށް ބުނުމުން، ލީމާގެ އިންޓާންޝިޕްގެ ސަބަބުން ލިބޭ މާލީ ގެއްލުން ދައްކުވައިދެއެވެ. ލީމާ ބުނީ ޑޮކްޓަރުންނަށް މަހަކު ގާތްގަނޑަކަށް 700 ޑޮލަރު ލިބޭ ކަމަށާއި މިއީ ބޮޑު މުސާރައެއް ކަމަށް ބެލެވޭ ކަމަށެވެ. 2021 ވަނަ އަހަރު ބޮލަކަށް ޖެހޭ ޖީޑީޕީ ހުރީ އެންމެ 356 ޑޮލަރަށެވެ.

މެޑިކަލް ޕްރޮފެޝަނަލަކަށް ވުމުގެ ސާފު މަގެއް ނެތުމުން ކައިވެނި ކުރަން މައިންބަފައިންގެ ޕްރެޝަރު ވެސް ދަނީ އިތުރުވަމުންނެވެ.

"އަހަރެން ވިސްނަނީ އަންހެނުންނަށް އެހީވާނެ ގޮތާއި ޑޮކްޓަރަކަށް ވާނެ ގޮތަކާ މެދު. އަހަރެން ކައިވެންޏެއް ކޮށްފިނަމަ ހުރިހާ ކަމެއް ގެއްލޭނެ. އަހަރެންގެ ހުވަފެންތައް ފުނޑުފުނޑުވާނެ." ލީމާ ބުންޏެވެ.

ލީމާ ކަންބޮޑުވަނީ ކައިވެންޏެއް ކޮށްފިނަމަ ފިރިމީހާ އޭނާއަށް މަސައްކަތް ކުރުން މަނާކޮށްފާނެތީއެވެ. ހުށަހެޅުންތަކުގެ ތެރެއިން އެކަކު އިހްތިޔާރުކުރުމުގެ ފުރުސަތު އޭނާގެ މައިންބަފައިން ދޭނެކަން އެނގުމުންވެސް އަދިވެސް އެފިރިހެންމީހާ އޭނާގެ ވައުދު ފުއްދައިދޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހާތަނަށް ޔުނިވަސީޓީތައް އަލުން ހުޅުވައިގެން ނޫނީ އިތުރު މަސްތަކެއް ވަންދެން ކައިވެނި ކުރަން ކުރާ ޕްރެޝަރާ ދެކޮޅު ހެދޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.

ސިއްރު ދިރިއުޅުމުގެ އިތުރު މަދު މަސްތަކެއް ބާކީ އޮތް އިރު، މެޑިސިންގެ ދާއިރާއިން ކެރިއަރު ގެނައުމަށް ލީމާގެ އެންމެ ފަހު އުއްމީދު ބިނާވެފައި ވަނީ، ވަގުތު ހުސްވުމުގެ ކުރިން ރަސްމީކޮށް ކިޔެވުން ފެށުމުގެ ފުރުސަތު ލިބުމުގެ މައްޗަށެވެ.