މީގެ ކުރިން 1990 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ވެރިކަން ކުރި ހަރުކަށި އިސްލާމީ ޖަމާއަތެއް ކަމަށްވާ ތާލިބާނުން 2021 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، އެ ޖަމާއަތުން އެންމެ ފުރަތަމަ ހުށަހެޅީ މީގެ ކުރިން ގެންގުޅުނު ސިޔާސަތު ނުގެންގުޅޭނެ ކަމަށެވެ. އަންހެނުންނަށް ޔުނިވަސިޓީއާ ހަމައަށްވެސް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދީ، ކެރިއަރެއް ބިނާކުރުމަށް ފުރުސަތުތައް ތަނަވަސް ކޮށްދޭނެ ކަމަށް އައީ ބުނަމުންނެވެ.
ނަމަވެސް އެއާ ހިލާފަށް އެކަން ކުރީ އިތުރަށް ހަރުކައްޓެވެވެ. ތާލިބާނުން ވަނީ އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލްތައް ބަންދު ކޮށްފައެވެ. އަންހެނުން ޔުނިވާސިޓީއަށް ދިޔުމާއި އދ ފަދަ އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާކުރިއެވެ. ފިރިހެނަކާ ނުލައި ގައުމުން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޕާކުތަކާއި ޖިމް ފަދަ އާންމު ތަންތަނަށް ގޮސް އުޅުންވެސް ވަނީ އަންހެނުންނަށް މަނާކޮށްފައެވެ.
އަންހެނުންނަށް މިހާރު ގިނަ ދާއިރާތަކުގައި މަސައްކަތެއް ނުކުރެވެއެވެ. މިދިޔަ މަހު ތާލިބާނުން އެގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ބިއުޓީ ސެލޫންތައް ބަންދުކުރުމުން އަންހެނުންނަށް ވަނީ އަނެއްކާވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މި އިންޑަސްޓްރީގައި ގާތްގަނޑަކަށް 60،000 އަންހެނުން ވަޒީފާ އަދާކުރި އިރު، އޭގެ ތެރެއިން ގިނަ އަންހެނުންނަކީ އެމީހުންގެ ގޭބިސީއަށް ހަމައެކަނި އާމްދަނީ ހޯދާ ފަރާތްތަކެވެ.
އެންމެ ފަހުން ގޮސް، ގައުމުން ބޭރަށް ތައުލީމް ހާސިލްކުރުމަށްދާ އަންހެނުންނާ މެދުވެސް ހަރުކަށި ފިޔަވަޅުތައް އަޅަން ތާލިބާނުން ވަނީ ފަށާފައެވެ.
އަފްޣާނިސްތާނުގެ 20 އަހަރުގެ ދަރިވަރު ނަކްޓައި (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި އަންހެނުންނަށް ހާއްސަ ޔުނިވަސިޓީތައް ތާލިބާނުން ބަންދުކުރުމުން، ތައުލީމް އުނގެނުމަށް އޭނާ އަށް ލިބުނު ހަމައެކަނި އުންމީދަކީ ބޭރުން ކިޔަވަން ލިބުނު ސްކޯލަޝިޕެކެވެ.
ތާލިބާނުން ވަނީ އެމީހުންނާ ދެކޮޅު ހަދާ އަންހެނުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
ނަކްޓައި ބުނި ގޮތުގައި އަމިއްލަ ގައުމުގައި ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ކުޑަ ނަމަވެސް، އުންމީދު ކަނޑާ ނުލާ ތައުލީމް އުނގެނުމުން ދިޔަ ކަމަށެވެ.
ނަކްޓައި އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޔުނިވަރސިޓީ އޮފް ދުބާއީގައި ކިޔެވުމުގެ ސްކޮލަރޝިޕް ލިބުނީ އެމިރާތީ ބިލިއަނަރު އަދި ވިޔަފާރިވެރިޔާ ޝެއިޚް ޚަލަފް އަޙްމަދު އަލް ހަބްތޫރުގެ ކިބައިންނެވެ.
އަފްޣާނިސްތާނުގެ އަންހެނުންނަށް ސްކޮލަޝިޕް ދޭން ނިންމީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތާލިބާނުން ޔުނިވާސިޓީތަކުން އަންހެނުން ކިޔެވުން މަނާކުރުމާ ގުޅިގެންނެވެ.
އަފްޣާނިސްތާނުގެ ޖުމްލަ 100 އަންހެނުންނަށް މި ސްކޮލަޝިޕްތައް ވަނީ ލިބިފައެވެ. އަފްޣާނުން ބޭރުގައި ދިރިއުޅޭ ބައެއް ދަރިވަރުން ވަނީ މިހާރު ދުބާއީއަށް ދަތުރުވެެސް ކޮށްފައެވެ.
އޮގަސްޓް މަހުގެ 23 ވީ ބުދަ ދުވަހު އާއިލާއަށް އަލްވަދާއު ކިޔާ، ނަޓްކައި ވަނީ ފުރަން އެއާޕޯޓަށް ގޮސްފައެވެ.
ނަމަވެސް އޭނާގެ އުއްމީދުތައް ވަރަށް އަވަހަށް ފުނޑުފުނޑުވެގެން ދިޔައެވެ.
"ތާލިބާނު އޮފިޝަލުންނަށް އަހަރެމެންގެ ޓިކެޓާއި ސްޓޫޑެންޓް ވިސާ ފެނުމުން އެމީހުން ބުނީ ސްޓޫޑެންޓް ވިސާގައި އަންހެން ކުދިން އަފްޣާނިސްތާނުން ބޭރަށް ނުދެވޭނެ ކަމަށް" ނަކްޓައި ބުންޏެވެ.
ދަތުރުކުރުން ހުއްޓުވި
ނަޓްކައި އަކީ އެއާޕޯޓުން އަނބުރާ ފޮނުވާލި 60 އަންހެން ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކަޅު ކުލައިގެ ބުރުގާ އަދި ހެދުން އަޅައިގެން ތިބި ޒުވާން އަންހެން ކުދިން އެމީހުންގެ ދަބަސްތައް ކައިރީގައި މަޑުކޮށްލައިގެން ތިބީ ހައިރާންކަމާއި މާޔޫސް ކަމާއެކުއެވެ.
ތާލިބާނުން ވަނީ އަންހެނުން އެކަނިދަތުރުކުރުން ވެސް މަނާކޮށްފައެވެ. ގައުމުން ބޭރަށް އަންހެނުންނަށް ދަތުރުކުރެވޭނީ ފިރިމީހާ ނުވަތަ އާއިލީ ގުޅުން ހުރި ފިރިހެނަކާ އެކުއެވެ.
"ތިން ދަރިވަރުންގެ މަހްރަމުން މަތިންދާބޯޓުގައި ތިބި. އެކަމަކުވެސް ައިސް އެންޑް ވާޗު މިނިސްޓްރީގެ އޮފިޝަލުންވަނީ އެމީހުންވެސް ބޯޓުން ބާލުވާފައި." ނަޓްކައި ކިޔައިދިނެވެ.
ބައެއް ކުދިން ތިބީ މީޑިއާތަކާ ވާހަކަދެއްކޭ ވަރަށް ވުރެ ބިރުގަނެފައެވެ.
އަހުމަދު (އަސްލު ނަމެއް ނޫން) އޭނާގެ ކޮއްކޮ ފުރުވަން ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެއާޕޯޓުގެ ހާލަތު އޭރު އޮތް ގޮތް އޭނާ ވަނީ މީޑީއާއާ ހިއްސާކޮށްފައެވެ.
"މިތަނުގެ ޔުނިވާސިޓީތައް ބަންދުކޮށްފައި އޮއްވާ މި ސްކޮލަޝިޕް ލިބުމުން ކޮއްކޮއަށް އާ އުންމީދެއް ލިބިގެން ދިޔަ. އުންމީދާއެކު ގެއިން ނުކުމެ ދިޔަ ކޮއްކޮ އަނބުރާ ގެޔަށް ދާން ޖެހުނީ ކަރުނައިން ފުރިގެން. އޭނާގެ ހައްގުތައް ވަނީ ނިގުޅައިގެންފައި"
އަހްމަދު ބުނި ގޮތުގައި ބައެއް އަންހެނުން ވިސާއަށް ފައިސާވެސް ދެއްކީ މީހުން އަތުން ލާރި ހޯދައިގެންނެވެ.
އޭގެ ތެރެއިން ބައެއް އަންހެން ކުދިންނަކީ އެހާ ނިކަމެތި އަދި ފަގީރު ކުދިންނެވެ. ފޮރިން މިނިސްޓްރީން އެދުނު ޑޮކިއުމަންޓް ވެރިފިކޭޝަން ފީއަށް 400 އަފްޣާނިސްތާނު މީހުން (4 ޕައުންޑް؛ 5 ޑޮލަރު) ވެސް އެ މީހުންގެ އަތުގައި ނެތެވެ.
ދުބާއީ ޔުނިވާސިޓީ އާއި އަލް ހަބްތޫރު ވަނީ އަންހެން ކުދިން ހުއްޓުވާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އަލް ހަބްތޫރު ވަނީ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި އެކްސްގައި އިނގިރޭސި ބަހުން ވީޑިއޯ މެސެޖެއް ހިއްސާކޮށްފައެވެ. އޭގައި އޭނާ ވަނީ އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް ބުނެ ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެއާޕޯޓުގައި ހުއްޓުވި އަފްޣާނިސްތާނުގެ އަންހެން ކުއްޖެއްގެ ވޮއިސް ނޯޓެއް ވެސް އެ ވީޑިއޯގައި ހިމަނާފައިވެއެވެ.
"އަޅުގަނޑުމެން މިވަގުތު މިތިބީ އެއާޕޯޓުގައި، އެކަމަކު ސަރުކާރުން ދުބާއީއަށް ދިއުމުގެ ފުރުސަތެއް ނުދިން. މަހްރަމުން ތިބި ދަރިވަރުންވެސް ފުރަން ސަރުކާރުން ހުއްދައެއް ނުދިން. އަހަރެމެން މިތިބީ ހަދާނެ ގޮތް ހުސްވެފައި. އަހަރެމެންނަށް އެހީވޭ."
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަމާލުކަން
ތާލިބާނުންގެ މި އަމަލުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ޑިޕްލޮމެޓުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ހީދަ ބާ ބުނި ގޮތުގައި މިއީ އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމަށް އިންކާރުކޮށް ތާލިބާނުން މިހާރުވެސް ހިންގަމުންދާ އާދަޔާ ހިލާފު އަނިޔާވެރިކަމުގެ މިންވަރަށްވުރެ ބިރުވެރި ފިޔަވަޅެކެވެ.
"މިއީ އެމީހުން ކިޔެވުމުގެ ފުރުސަތު އެހެން މީހުން ތަނަވަސް ކޮށްދީފާނެތީ ައިދީންގެ ގޮތުގައި ހިފަހައްޓައިގެން ތިބުން."
އަފްޣާނިސްތާނުގައި ހުންނަވާ އދ.ގެ ކުރީގެ ޔޫތު ރެޕްރެޒެންޓޭޓިވް ޝްކުލާ ޒަދްރާން ވަނީ އަންހެން ކުދިންނާ މެދު އުންމީދު ކަނޑާނުލުމަށް ޔުނިވާސިޓީއަށް އިލްތިމާސްކުރައްވައި މެސެޖެއް އާންމުކޮށްފައެވެ.
ނަމަވެސް ތާލިބާނުންގެ ފަރާތުން އެއްވެސް ބަޔާނެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
ވައިސް އެންޑް ވާޗު މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު ސާދިކް އާކިފް މުހާޖިރު ބުނެފައިވަނީ މިކަން މިހެން ދިމާވިކަން އަދި އެނގިފައި ނުވާކަމަށެވެ.
ތާލިބާނުންގެ އިސް ތަރުޖަމާނެއް ކަމަށްވާ ޒަބީހުالله މުޖާހިދު ވެސް ބުނީ އޭނާ އުޅެނީ ދަތުރުމަތީގައި ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.
ނަޓްކައި ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
15 އޮގަސްޓް 2021 ގައި ތާލިބާނުން ވެރިކަމާ ހަވާލުވި އިރު އޭނާ އައީ ހައި ސްކޫލުން ގްރެޖުއޭޓްވެ ޔުނިވާސިޓީއަށް ވަނުމުގެ އިމްތިހާނަށް ތައްޔާރުވަމުންނެވެ.
ނަޓްކައި ހީކުރީ އޭނާގެ ހުވަފެންތަކުގައި ކުލަޖެހޭނެކަމަށެވެ. ނަކްޓައި ބުނީ ތާލިބާނުންނަކީ އަންހެނުންނަށް އެއްވެސް ވަރަކަށް އިހުތިރާމް ކުރާ ބައެއް ނޫން ކަމަށެވެ.
"އަހަންނަށް މި ފުރުސަތު މި ގެއްލުނީ އަންހެން ކުއްޖަކަށް ވުމަކީވެސް ކުށަކަށްވާ ގައުމެއްގައި. އަހަރެން ވަރަށް ދެރަވޭ، ދެން އަހަރެން ކުރާނެ ކަމެއްވެސް އަހަރެންނަށް ވާނެ ގޮތެއް ނޭނގެ."