ޕާކިސްތާންގެ އިމުގެ ތެރޭގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކާއި ޓެރަރިސްޓް ހަމަލާތައް ގިނަވެ، އަޅާ ފިޔަވަޅެއްގެ ގޮތުން އެގައުމުގައި ތިބި އަފްގާނިސްތާންގެ ރައްޔިތުން ބޭރު ކުރަން ނިންމައިފިއެވެ.

ޕާކިސްތާންގެ ތެރޭގައި ދޭ އުދުވާނީ ހަމަލާތަކަކީ ނުވަތަ ޓެރަރިސްޓް ހަމަލާތަކަކީ، އަފްގާނިސްތާންގެ ތޯލިބާނުންނާ ގުޅިފައިވާ ޖަމާއަތްތަކުން ދޭ ހަމަލާތައް ކަމަށް ޕާކިސްތާނުގެ ސަރުކާރުން ތުހުމަތު ކުރާއިރު، އަލަށް އަޅަން ނިންމާ މި ފިޔަވަޅާއެކު އެގައުމުގައި ހިމާޔަތް ހޯދައިގެން ތިބި 1.7 މިލިއަން އަފްގާނީން ގައުމުން ބޭރުވާން ޖެހެއެވެ.

މިދިޔަ ހަފްތާގައި ބޯޑަރު ސަރަހައްދުގެ މުސްތަންގްގައި ހުންނަ މިސްކިތެއްގެ ކައިރީގައި ޖާނުން ފިދާވެ ދިން ހަމަލާއެއްގައި 50 މީހުން މަރާލާފައި ވާ އިރު އެފަދަ އިތުރު ހަމަލާއެއް ހަމަ އެ ދުވަހު އެހެން ސަރަހައްދެއްގައި ވެސް ދީފައި ވެއެވެ. އޭގެ ކުރިން މިހަހަރުގެ އެކި ދުވަސް މަތިން ތަފާތު ހަމަލާތައް ދީ ގިނަ ބަޔަކު މަރާލާފައި ވާ އިރު ބައެއް ހަމަލާތަކުގެ ޒިންމާ އުފުލީ އަފްގާން ތޯލިބާނުންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ހިޖުރަވެރިން ހޯދުމަށް މިހަރު ހާއްސަ ޕްރޮގްރާމެއް ފަށާފައި ވާ އިރު ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ބުނެފައި ވަނީ، ގަވައިދާ ހިލާފަށް ތިބި ހުރިހާ ހިޖުރަވެރިން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ޕާކިސްތާނުން ފައިބަން ޖެހޭނެ ކަމަށެވެ.

ތޯލިބާނުން އަފްގާނިސްތާންގެ ވެރިކަން ހިފި ފަހުން، އެގައުމު ދޫކޮށް ޕާކިސްތާނަށް ވަދެފައި ވާ ރެފިއުޖީންގެ އަދަދު 1.3 މިލިއަނަށް އަރާ ކަމަށް އދ ގެ ހިސާބުތަކުން ދައްކައެވެ. އަދި އިތުރު 880،000 ރެފިއުޖީންނަށް ރެފިއުޖީ ސްޓޭޓަސް [ހައިސިއްޔަތު] ލިބުމުގެ މަގުމަތީގައި ތިބި ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

ޕާކިސްތާންގެ ދާހިލީ ވަޒީރު ސްރްފަރާޒް ބަގްޓީ ވިދާޅުވީ، އެ އަދަދުގެ އިތުރަށް ގަވައިދާ ހިލާފަށް ދިރިއުޅޭ 1.7 މިލިއަން އަފްގާނީން އެގައުމުގައި ތިބި ކަމަށް ރެކޯޑް ކުރެވިފައި ވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރުހުމުގައި ވިޔަސް އަދި ނުރުހުމުގައި ވިޔަސް ނޮވެމްބަރުގެ ނިޔަލަށް އެމީހުން ގައުމުން ފައިބަން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ ގަދަކަމުންވެސް ނެރޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގަވައިދާ ހިލާފަށް ޕާކިސްތާންގައި ދިރިއުޅޭ އަފްގާން މީހުން ހޯދުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ހުސްވި ހަފްތާގައި އެކަނިވެސް 1000 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

ޕާކިސްތާނާއި އަގްފާނިސްތާން ގުޅޭ ބޯޑަރުގައި އޮންނަ ބަލޫޗިސްތާނަކީ، ދޭތެރެ ދޭތެރެއިން ޓެރަރިސްޓް ހަމަލާ ދޭ ތަނެކެވެ. އެތަނުގައި ހަމަލާތައް ދޭ ޖަމާއަތްތަކުގެ ތެރޭގައި ތާރީކޭ ތޯލިބާން ޕާސްކިތާން (ޓީޓީޕީ) އާއި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ހިމެނެއެވެ.

ބަގްޓީ ވިދާޅުވީ، މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 24 ފަހަރަކު ޖާނުންފިދާވުމުގެ ހަމަލާ ދީފައި ވާ ކަމަށާއި އެ ހަމަލާތަކުގެ ދެބައިކުޅަ އެއްބައި ހަމަލާއަކީ އަފްގާނިސްތާނަށް ނިސްބަތްވާ ތޯލިބާނުންނާ ގުޅިފައި ވާ ހަމަލާތައް ކަމަށެވެ.

ޕާކިސްތާންގެ ޓީވީ ޗެނަލެއް ކަމަށް ވާ އޭޕީޕީ އިން ބުނީ، ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ބޭނުން ވަނީ، އެގައުމުގައި ގާނޫނާ ހިލާފަށް ވިޔަސް އަދި އެއްގޮތަށް ވިޔަސް ތިބި އަފްގާނިސްތާނުގެ އެންމެހާ ރައްޔިތުން ފޭނުން ކަމަށެވެ. އަދި ނޮވެމްބަރުން ފެށިގެން އަފްގާން މީހުންނަށް ޕާކިސްތާނަށް އެތެރެ ވެވޭނީ ވިސާއާއި ޕާސްޕޯޓް އޮވެގެން ކަމަށެވެ.

މިހާރު ޕާސްކިތާނަށް އެތެރެ ވުމަށް އަފްގާން ރައްޔިތެއްކަން އަންގައިދޭ ކާޑު އޮތުމުން ފުދެއެވެ. ނަމަވެސް އަަލަށް އަޅާ ފިޔަވަޅުތަކާއެކު، ވިސާ ހަރުކަށި ކޮށް، ލިޔެކިޔުންތައް ހަމަކުރަން ޖައްސާފައި ވުމުން މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ލިޔެކިޔުން ނުލިބި ކިއުގައި ތިބޭތާ މަސްތަކެއް ވެއްޖެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.