އުންމީދާއެކު ކޮންފަރެންސްގެ ތެރެއިން މިއަދަށް ތާވަލު ކޮށްފައިވާ "ބުންވަރު" ހިނގާލުން ފެށިގެން ކުރިއަށް އެބަ ދެއެވެ.

މިއދު ހަވީރު 4 ޖެހިއިރު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށް ގެންދާ މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. މި ހިނގާލުމަކީ ދިވެހި ފުލުހުންގެ ހުއްދަ އާ އެކު ކުރިއަށް ދާ ހިނގާލުމެއް ކަމަށް ޕީޕީއެމްގެ ފަރާތުން މައުލޫމާތު ދެއެވެ.

ކޮންފަރެންސްގައި ބައިވެރިވާ މެމްބަރުންގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އާންމު މެމްބަރުންނާއި ކޯލިޝަންގެ އިސް މެމްބަރުން މި ހިނގާލުމުގައި ބައިވެރިވެފައި ވެއެވެ. މާލޭގެ މައި މަގު ކަމަށްވާ މަޖީދީމަގުގައި ކުރިއަށް ގެންދަން ރާވާފައިވާ މި ހިނގާލުމުކީ އިއްޔެ އިން ފެށިގެން 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ކޯލިޝަން ކޮންފަރެންސްގެ ތެރޭގައި ހިމެނޭ ބޮޑު ބިޔަ ހަރަކާތެކެވެ.

ހިނގާލުމުގައި ބައިވެރިވުމަށްޓަކައި ވީހާވެސް ގިނަ މީހުން ފިޔާތޮށި ކުލައިގެ ހެދުން ލައިގެން ދިޔުމަށް މީގެ ކުރިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އޮތީ ގޮވާލައްވާފައެވެ.

"އުންމީދާއެކު" ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ކަންކަން ދިރާސާ ކުރުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓުތަކަށް ދިއުމަށް ފަސްނުޖެހޭނެ ކަމަށް ޕީޕީއެމް އިން މައުލޫމާތު ދިނެވެ.

މާދަމާއަކީ ކޮންފަރެންސްގެ ފަަހުދުވަސް ކަމަށް ވާއިރު، މާދަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް މަޝްވަރާ ކުރުމަށެވެ. އެގޮތުން ކެމްޕެއިން ޓީމުތައް އެކުލަވާލުމާއި، ވޯޓު ފޮށިތަކަށް ފާރަވެރިވާނެ ގޮތްތަކާއި ވޯޓުލާ ދުވަހުގު އިސްތިރާތީޖީ އިންތިޒާމުތަކުގެ އިތުރުން ވޯޓާ ގުޅޭ މުޢާމަލާތްތައް ތަރުތީބު ކުރާނެ ކަންކަން އެކުލަވާލުމަށް އިސްކަން ދޭނެއެވެ. އަދި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތެއްގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ރައީސް ޔާމީންގެ ޝެޑިއުލާ އެއް ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.