އިންޑިއާގައި ނުފޫޒުގަދަ ބަޔަކު ހިމެނޭ ގޮތުން ގޭންގް ރޭޕް 2020 ގައި މަރާލި އުމުރުން 19 އަހަރުގެ އަންހެނެއްގެ ކޭސް ތަހުގީގު ކުރަނިކޮށް ޖަލަށްލި ސިއްދީގް ކައްޕަން ދޫކޮށްލައިފިއެވެ.

އެއްވެސް ޝަރީއަތެއް ނެތި ޖަލުގައި 2 އަހަރު ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ، އިންޑިއާގެ ސްޕްރީމް ކޯޓުން އޭނާ ދޫކޮށްލުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އަމުރު ކުރުމުންވެސް ދޫނުކޮށް ހިފަހައްޓާފައި ބެހެއްޓުމަށް ފަހުއެވެ.

އުމުރުން 43 އަހަރުގެ ކައްޕަން މިއަދު ޖަލުން ނުކުމެ ބުނީ، ދެއަހަރާއި ބައި ޖަލުގައި ހޭދަކުރުމަށް ފަހު ނުކުމެވުނީތީ އުފާ ކުރާ ކަމަށާއި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނެ ކަމަށެވެ.

ކައްޕަން ހައްޔަރު ކުރީ، އޭނާގެ ރަށް ކެރަލާއިން އުއްތަރް ޕަރްދޭޝް އަށް ގޮސް އުޅެނިކޮށް އޭނާގެ ޑްރައިވަރާއި އިތުރު 2 މީހުންނާ އެކުގައެވެ. ޗާގް ޝީޓް ނުވަތަ ހައްޔަރު ކުރުމުގެ އަމުރުގައި އޭނާއަށް އިދާރާތަކުން ތުހުމަތުކޮށްފައި އޮތީ މަނީލޯންޑަރިންނާއި ޓެރަރިޒަމާއި ހަމަނުޖެހުން އުފައްދަން އުޅުނު ކަމަށެވެ.

މި ހާދިސާގައި އެ 4 މީހުން ހައްޔަރު ކުރި އިރު، ޑްރައިވަރާއި ކައްޕަން ފިޔަވައި ދެން ތިބި 2 މީހުން އަދިވެސް ތިބީ ޖަލުގައެވެ.

"އަހަރެން ދިޔައީ އެ ހާދިސާ ރިޕޯޓު ކުރަން، ކޮބާ މައްސަލަ އަކީ؟، އަހަރެން ގެންދިޔައީ 2 ގަލަމާއި ނޯޓް ފޮތެއް"
ސިއްދީގް ކައްޕަން

ކައްޕަން ހައްޔަރު ކުރި މައްސަލައަކީ، ހައިޕްރޮފައިލް ބަޔަކު ހިމެނޭ މައްސަލައެއް ކަމުން އެކަމުގައި ހިމެނޭ މީހުންގެ މައްޗަށް ޝަރީއަތެއް ކުރިވިފައި ނުވުމުގެ އިތުރުން ކައްޕަން އުއްތަރް ޕްރަދޭޝް އަށް ދިޔަ ވަގުތަކީ އެ ސިޓީގައި ބަޔަކުވެގެން ދެ އަންހެން ކުއްޖަކު ކިޑްނެޕް ކޮށް، ރޭޕްކޮށް އެ ދެކުދިން ގަހެއްގައި ދަންޖައްސާފައި ހުއްޓާ ފެނުނު ވަގުތެއްވެސް މެއެވެ. އެ މައްސަލައިގައި 6 ފިރިހެނަކު ހައްޔަރު ކޮށް ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ކައްޕަން ތަހުހީގު ކުރަމުން ދިޔަ 2020 ވަނަ އަހަރުގެ ކޭސްގައި އަނިޔާލިބުނު އަންހެން މީހާ މަރާލި މައްސަލަ ވެސް ހިނގަމުން ދާއިރު، ކައްޕަން ރިޕޯޓު ކުރަން މަސައްކަތް ކުރީ، އެ އަނިޔާވެރި މަރަށް ފަހު، އާއިލާއަށް އެންގުމެއް ނެތި، އޭނާގެ ހަށިގަނޑު ފުލުހުން އަންދާލައިފައި ވާތީ އެކަމުގައި ބައިވެރިވަނީ އުއްތަރް ޕްރަދޭޝްގެ ބޮޑުންގެ ދަރިންކަމަށް ވުމާއެކު ކަންތައްތަކެއް ފޮރުވާ ކަމަށް ބަލައި އެކަމެވެ.

2014 ވަނަ އަހަރު ބީޖޭޕީ ވެރިކަމަށް އައިފަހުން ފްރެސް ފްރިޑަމް އިންޑެކްސް (ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ) ގައި އިންޑިއާ ވަނީ ބޮޑުތަނުން ފަހަތަށް ގޮސްފައެވެ. 180 ގައުމެއް ރޭންކް ކުރާ އެ ލިސްޓުގައި އިންޑިއާއަށް ލިބިފައި ވަނީ 150 ވަނައެވެ.