ރާއްޖޭގެ ޖަލުތަކުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވާ އަޑު އެހުންތައް އަންނަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ އޭގެތެރޭގައި ހިމެނެނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަނިޔާތަކާ ބެހޭ މައްސަލަތައް ކަމަށެވެ. އަދި އެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ކަމަށް ވެސް ބުނެއެވެ.

މިހާރު ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުމަށް ފެބުރުވަރީ 26 އިން މާޗު 3 ގެ ނިޔަލަށް އަޑުއެހުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މައްސަލާގެ އަޑުއެހުންތައް މާފުށީ ޖަލާއި މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލުގައި ކުރިއަށްދާނެއެވެ. މާފުށީ ޖަލުގައި ކުރިއަށްގެންދާ އަޑުއެހުމުގައި ބަޔާންދިނުމަށް 37 ފަރާތަކުން ނަން ނޯޓުކޮށްފައިވާއިރު މާލޭގައި ބާއްވާ އަޑުއެހުމުގައި ބަޔާންދިނުމަށް 11 ފަރާތަކުން އަދި އައްސޭރި ޖަލުގައި ބަޔާންދިނުމަށް ދެ ފަރާތަކުން ވަނީ ނަން ނޯޓުކޮށްފައެވެ.

އެ އޮފީހުން ވަނީ މާލޭ ސިޓީގެ އަޑުއެހުންތައް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުނެފައެވެ.