ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފިއެވެ.

ބޮސްކާލިސްއިން ބުނީ، މި މަޝްރޫއު ހައުސިން މިނިސްޓްރީން، އެކުންފުންޏާ ހަވާލުކޮށްފައި ވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ހާއްސަ ކުރަން ނިންމާފައި ވަނީ ސަރުކާރުން ގުޅިފަޅުގައި ތަރައްގީ ކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތަށެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫއުއަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުން ބެލުމަށް ހަދާ ދިރާސާތައް ހަދާފައި ވާކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެން ކަމަށާއި އެ ސަރަހައްދުގެ ފަރުގެ މުރަކަ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި، ލޮނުގަނޑުގައި ކިސަޑުކަން ފެތުރޭ މިންވަރު ކުޑަކުރުމާއި، އެ ސަރަހައްދުގެ މޫދު ލޮނުގެ ކޮލިޓީއަށް އަންނަމުންދާ ބަދަލުވެސް ގަވާއިދުން ބަލަމުން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ގުޅިފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއާއެކު މިހާރު މާލޭގައި ހިންގަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް އެއްކޮށް ގުޅީފަޅަށް ބަދަލުކުރާނެއެވެ.

ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގައި މީގެ ކުރިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ބޮސްކާލިސް އަކީ 2010 ވަނަ އަހަރު ގުޅިފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކި ކުންފުންޏެވެ.

އަދި 2019 ވަނަ އަހަރު ގުޅިފަޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސް އެކުންފުނިން ވަނީ، ގުޅިފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމާފައެވެ.