ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމާފައިވާ ގިރާވަރުފަޅުން 4،072 ގޯތި ދޫކުރާ ގޮތަށް، ލޭންޑް ޔޫސް ޕްލޭން ހެދުމަށް ފަހު ގެޒެޓް ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވީ، ކުރީގެ ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުން 5،186 ގޯތި ދޭން ކަމަށެވެ. ގިރާވަރުފަޅުން 170 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އިރު، އެތަނުގައި އެ އަދަދަށް ގޯތި ދީގެން އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ އޭގެތެރެއިން 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރީ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އެ ބަދަލާ އެކު މިހާރު ގިރާވަރުފަޅުން ދޫކުރާނީ 4072 ގޯތި ކަމަށާއި އެ ގޯތި ދިނުމަށް ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެންނަމުންދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްވުމާ އެކު، އެ ނިންމުން ވަރަށް އަވަހަށް ގެޒެޓު ކުރާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.
ހަމައެއާއެކު ގިރާވަރުގެ ބިން ހިއްކުން ފެށުމަށް ފަހު އެ މަސައްކަތް މެދުކެނޑިފައި އޮތުމުން، އެ ތަނުން ގޯތި ލިބުނު ގިނަ ބައެއްގެ ކަންބޮޑުވުން ސަރުކާރަށް ލިބެމުންދާ ކަން މުއްތަލިބް ފާހަގަކުރެއްވިއެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނީ މިހާރު ހިއްކަމުން އަންނަ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމުމުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކަން ފަށާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގިރާވަރުން ގޯތި ލިބުނު މީހުންގެ މެދުގައި ޖެނުއަރީ މަހު ގުރުނެގުން ބާއްވާނެ ކަމަށާއި ބިން ހިއްކާ ނިމެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅެކޭ އެއްގޮތަށް ގިރާވަރު ފަޅަކީ ވެސް މުސްތަގުބަލެއް އޮތް ތަނެއް ކަމަށާއި އެއީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ލިބި، މަންފާ ހޯދޭނެ ތަނެއް ކަމަށެވެ. އަދި ސަރުކާރުގެ ޕްލޭނަކީ ބްރިޖުން ގިރާވަރު ގުޅާލުން ކަމަށް ވާތީ ކުރިމަގުގައި ގިރާވަރު ވާނީ އެހެން ތަންތަނެކޭ އެއްގޮތަށް ފެންވަރު ރަނގަޅުކޮށް އާބާދުކުރެވޭ ތަނަކަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
