އަންނަ ހޮނިހިރު ދުވަހުގެ ކުރިން މާލެ ސަރަހައްދުން ދޫކުރާ ހުރިހާ ގޯއްޗެއްގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބޭމީހުން އޮގަސްޓު މަހުން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު، މިނިސްޓްރީން ބުނީ ގޯތި ލިބުނު ގިނަ މީހުންނަށް މިހާރު ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި ރަޖިސްޓްރީއާ ހަވާލުވާން ނާންގާ 1،500 އެއްހާ މީހުން އަދިވެސް އެބަތިބިކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެންމެންނަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ރަޖިސްޓްރީ ބަލާ ނާންނަ މީހުންގެ ރަޖިސްޓްރީއާއެކު ނޮވެމްބަރު 11ގެ ކުރިން ޕޯޓަލްއަށް ރަޖިސްޓްރީތައް ހުށަހަޅާނެކަމަށެވެ.

ސަރުކާރުން މާލެ ސަރަހައްދުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު ގޯތި ދޫކުރަނީ ގުޅިފަޅުން 2،218 ގޯތި، ހުޅުމާލެއިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯއްޗެވެ.

އަންނަ ހޮނިހިރު ދުވަހުގެ ކުރިން ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރާނެކަމަށް މިނިސްޓްރީން ބުނެފައިވާއިރު މާލެ ސަރަހައްދުން ގޯތި ދޫކޮށްފައިވަނީ ރާއްޖޭގައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނާ ހިލާފަށްކަމަށް ބުނެ އެ މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.