ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުން ބޮޑުބައެއް ހިއްކާ ނިންމައިފިއެވެ.

ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާއިން ބުނީ ގުޅިފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިއަދު ހިއްކާ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. ދެ ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގައެވެ. ބޮސްކާލިސްއަކީ ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ވެސް ހިއްކި ކުންފުންޏެވެ.

މި މަޝްރޫއާއެކު މިހާރު މާލޭގައި ހިންގަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް އެއްކޮށް ގުޅީފަޅަށް ބަދަލުކުރާނެއެވެ. މީގެ އިތުރުންވެސް ގުޅިފަޅުން ހިއްކާ ބިމުން މާލެ މީހުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ވަނީ ނިންމާފައެވެ.

ނިމިދިޔަ ސަރުކާރުން އިއުލާންކުރި ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގުޅިފަޅުން 2،218 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.