މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް މާލެ ސަރަހައްދުގައި އޮންނަ ގުޅިފަޅުން ބިން ދިނުމުގެ މަޝްރޫއުގެ ތެރެއިން އެތަން ހިއްކުމަށް ކުރާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ހައި ކޯޓުން އަންގައިފިއެވެ.
ހައިކޯޓުން މި ނިންމުން ނިންމާފައި ވަނީ، އާނމްުންގެ މީހަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ މަޝްރޫއު ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރު ކޮށްފައި ނުވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަަ ބެލުމަށް ފަހުއެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދިފައި ވީ ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ސިވިލް ކޯޓުގެ މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ނިންމާފައި ވަނީ ވަގުތީ ގޮތުން އެ މަޝްރޫއު މަޑުޖައްސާލުމަށެވެ. އަދި މަޑުޖައްސާލަން އެދިފައި ވަނީ ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސލަަ ވަކި ގޮތަކަށް ނިމެން ދެން ކަމަށް ވެސް ހައި ކޯޓުން ބުނެފައި ވެއެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.
އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ހައިކޯޓުން ބުނެއެވެ. އަދި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް ހައިކޯޓުން ބުނެއެވެ.
އެގޮތުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލުމަށެވެ.
ނަމަވެސް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަން ޖެހޭ ކަމެއް އެ މައްސަލާގައި ނެތް ކަމަށެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ ތިމާވެށްޓަށް ގެއްލުން ލިބޭ މަޝްރޫއުއެއް ނަމަ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް އެކަން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ މެދު މިނިސްޓަރު ނިންމި ނިންމުމެއް ނެތި ކޯޓުން އެފަދަ މައްސަލަތައް ބެލުމަކީ ތަރުތީބު އޮޅިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.