ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންގެ ގެނައި ބަދަލާ ގުޅިގެން ގޯތީގެ ލޮކޭޝަން ބަދަލުވި މީހުންނަށް އާ ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީއިން ބުނީ ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންއަށް ގެނައި ބަދަލުގެ ސަބަބުން ގޯތީގެ ލޮކޭޝަންއަށް ބަދަލުއައުމާ ގުޅިގެން ރާޖިސްޓްރީ ބާތިލްކޮށް، މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ގެޒެޓްކުރި ލިސްޓުގައިވާ ފަރާތްތަކަށް އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި ބަންޑާރަ ގޯތީގެ އެއްބަސްވުން"އާ ހަވާލުމަށް އެޕޮއިންޓްމެންޓްއަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެޕޮއިންޓްމެންޓް ދިނުމަށް ހަމަޖެހިފައި ވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށްކަން ފާހަގަކޮށް ހައުސިން މިނިސްޓްރީއިން ބުނީ ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށް އެ މިިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެޕޮއިންޓްމަންޓްއަށް އެދި އިހްތިޔާރުކޮށްފައިވާ ތާރީހާއި ގަޑިއަށް ރިއާޔަތްކޮށް، މިނިސްޓްރީއިން އަންގާ ތަނަށް ދިއުމުން އާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ހަވާލުކުރެވޭނެ ކަމުގައި ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީއިން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކާއި އަދި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވިގެންދާނެ ކަމަށެވެ. އަދި އެ ހާލަތުގައި އެ ފަރާތަށް އަލުން އެހެން ތާރީހަކާއި ގަޑިއަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެޕޮއިންޓްމަންޓްއަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ ފަރާތުގެ އައިޑީ ކާޑު ކޮޕީ
- ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.
ގޯތީގެ ރަޖިސްޓްރީ އަދި ގޯތީގެ އެއްބަސްވުންތައް ބަލައިދާއިރު ގެންދަން ޖެހޭ ލިޔެކިޔުންތައް:
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
- ޕަވާ އޮފް އެޓާނީގެ ދަށުން ހާޒިރުވާ ފަރާތެއްނަމަ، ޕަވާ އޮފް އެޓާނީގެ އަސްލު އަދި ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު. (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކޭޓްގެ އަސްލު)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ އަސްލު.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލު.
އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތީގެ އެއްބަސްވުމާ ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމުގައި ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.