މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކުަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، މެޖިސްޓްރޭޓް ޒިޔާދާ އަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މި މައްސަލަ ޒިޔާދާގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް މިމަހު 8 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 2 ވަނަ ޖަލްސާއިން ނިންމާ، މި މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން މިމަހު 8 ވަނަ ދުވަހު ވަނީ އިތުރު ސުލޫކީ މައްސަލައެއް ވެސް ބަލަން ނިންމާފައެވެ. އެއީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ މައްސަލައެކެވެ. އޭނަގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ އެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.