މައްސަލައެއްގައި ފަރުވާކުޑަކޮށްފައިވާތީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ހުކުމް ނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ތުހުމަތުކޮށް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިއީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް މިމަހު 8 ވަނަ ދުވަހު ޖޭއެސްސީގެ 2 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި މި ޝަކުވާ ތަހްގީހު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.