މާލޭގައި ބަހައްޓާފައިވާ ކާށިދޫ ދާއިރާގެ ފޮށީގެ ކަރުދާސް ހުސްވެ 2 ގަޑިއިރު ވެއްޖެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ވޯޓް ކަރުދާސް ލިބިފައި ނުވުމުން ވޯޓްލާން ގޮސް ތިބި މީހުންނަށް ވޯޓްލެވޭ ގޮތް ނުވެފައިވާ ކަމަށެވެ. އަދި އެކަން ހައްލުނުކުރެވި ވަނީ ކީއްވެތޯ އިންތި ވަނީ އައްސަވާފައެވެ.
މީގެ އިތުރުން މާލޭގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް މަންދޫބުން މައުލޫމާތު ދޭ ކަމަށާއި އެކަން ރަނގަޅު ކޮށްފައި ނުވާ ކަމަށްވެސް އިންތި ވަނީ ވިދާޅުވެފައެވެ. އިންތި ވިދާޅުވީ އެ ދާއިރާގެ ވޯޓުލުން ފެށީ ކަރުދާހާއި ވޯޓާސް ލިސްޓް އަޅުވާ ނުކިޔާ ކަމަށާއި ވޯޓާސް ލިސްޓް ހާމަ ނުކުރާ ކަމަށެވެ.
މީގެ އިތުރުން އެ ވޯޓު ފޮށިން ސްމާރު ނަންބަރާއި ނަން ނުގޮވާ ކަމަށް ވެސް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ.
މިއަދު ވޯޓުލާން ފެށުނީންސުރެ ގިނަ ހަމަނުޖެހުންތަކެއް މާލެއާއި އަތޮޅު ތެރޭގައި ހިނގާފައިވާއިރު ދަފްތަރުގައި ނަން ނެތް މީހުން ވޯޓުލާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ބައެެއް ރަށް ރަށުގެ ވޯޓު ފޮށިތައްވެސް ފަޅާލާފައިވާއިރު ރަތަފަންދޫއިން ދެ މީހަކާއި ތިނަދޫއިން އެކަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.