ސަރުކާރުން 'ޑިޒައިން' ކޮށްފައިވަނީ މިގައުމުގެ މުއްސަނދިކަން ބޭރު މީހުންގެ އަތްމައްޗަށް ދާ ގޮތަށް ކަމަށާއި މި ގައުމުގެ މުއްސަނދިކަން ދިވެހިންނަށް ލިބެންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އިން ބޭއްވި ބައްދަލުވުމުގައި ޝަރީފް ވަނީ ސަރުކާރުގެ ސިޔާސަތުތަކައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ޝަރީފް ވިދާޅުވީ އެމްއެންޕީ ވުޖޫދުވީ އާއިލާއަށް އުފާލާއެކު އަރާމުގައި ނިދާލެވޭނެ ދުވަހެއް ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑު ހަނދާނަަށް އަންނަނީ ރައީސް ނާޒިމް އާ އެކު އަޅުގަނޑު ސައުތު ރީޖަންއަށް ކުރި ދަތުރެއްގައި ޒުވާނުންކޮޅަކާ ބައްދަލުވެ ނާޒިމް ދެއްކެވި ވާހަކަ. ނާޒިމް ވިދާޅުވަނީ ތާރުއެޅިމަގެއްގައި ހިނގާލާފައި ގޮސް އާއިލާ އާ އެކު އުފަލުގައި ހިތްހަމަޖެހިގެން ނިދާ ނުލެވޭ ނަމަ ތާރުގެ ބޭނުމެއް ނެތޭ. އަދި އެ ތާރު އެޅި މަގުގެ ބޭނުމެއް ނެތޭ. އަޅުގަނޑުވެސް ގަބޫލުކުރަން." ޝަރީފް ވިދާޅުވިއެވެ.

1993 ހިސާބުގައި މާލެ އަތޮޅު ހުރާގެ ހަނދާންތައް އާކުރައްވަމުން ޝަރީފް ވިދާޅުވީ އޭރު އެތަނަށް ކިޔަނީ ލިޓްލް ހުރާކަަމަށެވެ. އަދި އޭރު އެތަން ވިއްކަމުން ދިޔައީ 35 ޑޮލަރަށް ބެޑް އެންޑް ބްރެކްފާސްޓް ކަމަށާއި އެހެންނަމަވެސް މިހާރު އެތަނަށް ކިޔަނީ ކުޑަހުރާ ވަން އެންޑް އޮންލީ ފޯ ސީޒަން ރިސޯޓް ކަމަށެވެ. އަދި މިހާރު އެތަން ވިއްކަނީ 1000 ޑޮލަރާއި 10،000 ޑޮަލަރާ ދެމެދުގެ އަގެއްގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ރިސޯޓުން މިސާލު ޖައްސަވަމުން ޝަރީފް ވިދާޅުވީ މި ގައުމަކީ މުއްސަނދި އަދި ވަސީލަތްތައް ގިނަ ގައުމެއް ކަމަށެވެ. މި ގޮތުން ރަށްތަކާއި ފަޅުތަކާއި، ފަރުތަކާއި، މޫދާއި، ކަނޑާއި، ގްރީނަރީސްގެ އިތުރުން ނޭވާލާ ޖައްވަކީ ދިވެހިންނަށް ލިބިފައިވާ ޖަވާހިރެއް ފަދަ ވަސީލަތްތަކެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭއަށް ލިބޭ ބޭރު ފައިސާ ރާއްޖޭގައި ދައުރުވުމުގެ ބަދަލުގައި ރާއްޖެއިން ބޭރުގައި ދައިރުވަމުން ދާކަމުގެ ކަންބޮޑުވުންތައް ޝަރީފް ވަނީ ފާޅުކުރައްވާފައެވެ.

"ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ކޮންމެވެސް ބޭރު މީހަކު އަންނަނީ. އޭނަ މި ހަވާލުކުރަނީ އެތަން ހެދުމަށް ބޭރުގެ ކޮންޓެކްޓަރަކާ. ދެން އެތަން ހެދުމަށް ފަހު އެތަން މި ހަވާލުކުރަނީ ބޭރު މެނޭޖްމެންޓަކާ. އެމީހުން ވަޒީފާ ދެނީ ބޭރު މީހުންނަށް. ޓޫރިސްޓުން ދޭ ފައިސާ އެނބުރެނީ ރާއްޖެއިން ބޭރުގައި."
ޝަރީފް

މިއީ އެމްއެންޕީ އިން ގަބޫލުކުރާ ސިޔާސަތެއް ނޫންކަން ހާމަކުރަައްވަމުން ޝަރީފް ވިދާޅުވީ ރިސޯޓްތަކުން ސަރުކާރަށް ލިބޭ ޓެކްސް ފައިސާ ވެސް އެނބުރެނީ ރާއްޖެއިން ބޭރުގައި ކަމަށެވެ. "އަވަށްޓެރި ގައުމުތަކުން ކޮންޓެކްޓަރުން ގެނެސް ތާރު އަޅަން ފަށަނީ. ދަރެނި ނަގަނީ. އެ ދަރެނި ނަގާ ގައުމުގެ މީހުންނަށް ތާރު އަޅަން މިހަވާލުކުރަނީ. އަނެއްކާ އެ ފައިސާވެސް މި ދަނީ ރާއްޖެއިން ބޭރަށް" ޝަރީފް ވިދާޅުވިއެވެ.

މި ގައުމުގެ މުއްސަނދިކަން ދިވެހިންނަށް ލިބެންޖެހޭކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ރާއްޖޭގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރަން ޖެހޭކަމަށާއި އެހެން ނޫންނަމަ ހުރިހާ ފައިސާއެއް ދާނީ ގައުމުން ބޭރަށް ކަމަށެވެ.

"މިއީ އެއްވެސް މީހަކު ބޭނުންވާ ގޮތެއްނޫން. އެންމެން މަސައްކަތްކުރަންޖެހެނީ ދިވެހިންގެ ހައްގުތަކަށް. މިއީ ދިވެހިންގެ ގައުމު. މި ގައުމުން ދިވެހިންނަށް މުދަލާ ވަސީލަތް ދީފައި ނޫނީ އެހެންބަޔަކަށް ހައްގުވެގެނެއް ނުވޭ."
ޝަރީފް

އިތުރަށް ޝަރީފް ވިދާޅުވީ އެމްއެންޕީ ސަރުކާރު ހިންގަން ހަވާލުކުރުމުން އެ ސިޔާސަތު ބަދަލުކުރާނެ ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި އެކަންކަން ޑިޒައިން ކުރަނީ ދިވެހިންނަށް އަމާޒުކޮށްގެން ދިވެހިން އުފަލުގައި މީހުން ދަށުނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަން ކަމާއެކު އުޅެވޭނެ ގޮތަށް ކަމަށެވެ. އަދި އެ ޕާޓީގެ މެނިފެސްޓޯ އަމާޒުކޮށްފައި ވަނީ ދިވެހި ރައްޔިތުމީހާ ފުދުންތެރި ރައްޔިތަކަށް ހެދުމަށް ކަމަށާއި ސިޔާސަތު އަމާޒުކޮށްފައި ވާނީ ފުދުންތެރި ރައްޔިތަކަށް ދިވެހި މީހާ ހެދުމަށްކަމަށެވެ،

މީގެ އިތުރުން ޝަރީފް ވަނީ އެ ޕާޓީއަށް އިތުބާރުކުރަމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.