އެމްއެންޕީގެ ވެރިކަމެއްގައި ސްޓޫޑެންޓް ލޯނުގައި ކިޔަވާ ނިމިގެން ރާއްޖޭގައި ހިދުމަތްކުރާ ކޮންމެ މީހަކަށް އެލޯނު މާފުކޮށްދެއްވާނެ ކަމުގައި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އެމްއެންޕީގެ ފަރާތުން ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ ވެރިކަމަށް އަންނަނީ ކަން ކުރަން އެނގިގެން ކަމަށާއި ބަޔަކު ހަދާގޮތަށް ދޮގު ހަދަށް ނޫން ކަމަށެވެ. އަދި އެމްއެންޕީ އަންނަނީ ހަމަހޭގައި ތިބެގެން ކަންކަން ކުރަން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ކިޔަވައިދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި ދަރިވަރުންނަށް ކިޔަވާ ދެނީ ރާއްޖެއަށް ލިބޭ އާމުދަނީން ކަމަށާއި ކިޔަވާ ދަރިވަރުން ލޯނު ނަގައިގެން ކިޔަވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ

ނާޒިމް ވަނީ އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި ދެވޭ އާންމު ލޯނަކީ 4.5 ޕަސެންޓް އިންޓްރެސްޓަށް ވުރެ ދަށްކޮށް ދެވޭ އެއްޗަކަށް ހައްދަވާނެ ކަމަށާއި ދިވެހިންގެ ތެރެއިން ލޯނު ނުދެއްކިފައި ތިބި ކޮންމެ މީހަކަށް އެލޯނު ރީސްޓްރަކްޗާ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެއެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ސްކޫލް ކުދިން ބޭންކިން ނިޒާމަށް އަހުލުވެރިކުރުވާ، އެކުދިންނަށް ބޭންކްގައި ފައިސާ ރައްކާތެރިކޮށް ގެންގުޅެން ޖެހެނީ ކީއްވެކަމާއި ކްރެޑިޓަކީ ކޮބާ ކަމާއި މިފަދަ އަސާސީ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ސަރުކާރެއްގައި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ހަދާނެ ކަމަށް ވިދާޅުވެ ނާޒިމް ވަނީ ނިކަމެތި މީހާ ނިކަމެތިވެގެން ތިބެންވީތޯ ސުވާލު އުފައްދަވާފައެވެ. އަދި މިއަދުގެ ހާލަތަކީ ސަލާންޖަހާ މީހުންގެ ހާލަތު ކަމަށާއި އެއް ބައެއްގެ ކައިރިން އަނެއް ބައެއްގެ ކައިރިއަށް ދަނީ ޑޮލަރަށް ސަލާން ޖަހަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެމްއެންޕީ ވެރިކަމަށް އަންނާނީ މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ކުޑަކުރަން ކަމަށާއި މުއްސަނދިންނާއި ނިކަމެތި މީހާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މުއްސަނދިން އަތުން ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށެވެ. އަދި އެންމެ ނިކަމެތި މީހާ އަތުން ޓެކްސްއެއް ނުނަގާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.