ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކުރި ހުކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
މާލޭގެ ރަސްފަންނުން ފެށި ހިނގާލުމުގައި ބައިވެރިން ގްރީންޒޯނާ ހަމައަށް ދާން އުޅުމުން ފުލުހުން ހުރަސް އެޅުމާއެކު ކުރިމަތިލުން ހިނގާފަައި ވާ އިރު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތަށް ލިބިފައި ވީނަމަވެސް އަދި އެއްވެސް ބައިވެރިޔަކު ހޮސްޕިޓަލަށް ގެންގިސްފައިނުވާ ކަމަށް ޕީޕީއެމް އިން ހާމަކުރެއެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި މާލެ ސިޓީ ކައުންސިލަރު އަހުމަދު އައިފާން ހިމެނޭ ކަމަށާއި، އޭނާ ހައްޔަރު ކޮށްފައި ވަނީ ވަރަށް އަނިޔާވެރި ކަމާއެކު ކަމަށް ޕީޕީއެމް އިން ބުނެވެ.
މުޒާހަރާގެ ބައިވެރިން ސަރަހައްދު ދޫކޮށް ދާން ފުލުހުން ތަކުރާރުކޮށް އެންގިނަމަވެސް މުޒާހަރާގެ ބައިވެރިން އަންނަނީ އަދިވެސް ޖޯޝާއި ފޯރީގައި މާލޭގެ ކަސްޓަމްސް ސަރަހައްދުގެ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ.
އިދިކޮޅޫން މުޒާހަރާތައް ކުރިއަށް ގެންދަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވުމުންނެވެ.
މި މުޒާހާރާތަކުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނަށް އަނިޔާ ކުރާ ކަމަށަ ބުނެ އަނިޔާ ހުއްޓާލުމަށް އަންނަނީ ގޮވާލަމުންނެވެ.