ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ދަރުސެއް މިރޭ ވިލީމާލޭގައި ބާއްވަން ހަމަޖައްސައިފިއެވެ.

މިއީ ޒުވާނުންނަށް ހާއްސަކޮށް "އޭ ޣާފިލުވެފައިވާ ޒުވާނާ" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ދަރުސެކެވެ. މި ދަރުސް އިންތިޒާމް ކޮށް ބާއްވަނީ ވައިޑީ ސްޕޯޓްސް ކްލަބާއި ވިލިމާލޭގެ ޖަމިއްޔާތައް ގުޅިގެންނެވެ.

މި ދަރުސް ބާއްވަން ހަމަޖެހިފައި ވަނީ ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ 8:45 ގައެވެ.

މި ދަރުސް އިންތިޒާމު ކުރި ފަރާތުން މައުލޫމާތު ދެމުން ބުނީ، މިއީ ކޮވިޑަށް ފަހު ވިލިމާލޭގައި ބާއްވާ ދެވަނަ ދަރުސް ކަމަށެވެ. މީގެ ކުރިން ބޭއްވި ދަރުސް ވެސް ދެއްވީ ޝެއިހް ފަރީދު ކަމަށާއި އެ ދަރުހަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ބުނެއެވެ.

މާލެ ސަރަހައްދުގައި ދަރުސްތައް ދިނުން މެދުކެނޑިފައި އޮތުމުން އަނެއްކާ ވެސް ދީނީ ދަރުސްތައް ދީ މިފަދަ ހަރަކާތްތައް އިންތިޒާމް ކުރުމަކީ ގިނަ ބަޔަކު އެދޭ ކަމެކެވެ. އެންމެ ފަހުން ވިލިމާލޭގައި ދަރުސް ބޭއްވިތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.