2018 ގެ މެދުތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްދީފައިވާ މަސައްކަތުގެ ބަދަލަށް 3.3 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފިއެވެ.
އެ މައްސަލައަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޖޭއެމްޖޭ އިންވެސްޓްމެންޓްގެ ވެރިޔާ ޔާސިރާ ޔޫސުފް، ޕީއެސްއެމާ ދެކޮޅަށް 2019 އޮކްޓޯބަރުގައި ސިވިލް ކޯޓަށް ވެއްދި މައްސަލައެކެވެ. ޕީއެސްއެމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކޮށްދިން މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ އެ ފައިސާ ހޯދުމަށެވެ.
އޭގެ ދެ އަހަރު ފަހުން ކުރި ހުކުމްގައި ސިވިލް ކޯޓުން ބުނީ ޖޭއެމްޖޭ އިން ކޮށްދިން މަސައްކަތުގެ ބަދަލުގައި އެ ކުންފުންޏަށް ޕީއެސްއެމުން 3.3 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. ހައި ކޯޓުގައި އިސްތިއުނާފްކުރުމުން މިދިޔަ އޮގަސްޓް މަހުގެ 31 ގައި އެ ކޯޓުން ނިންމީ ސިވިލް ކޯޓުގެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.
އެހެންވެ ޕީއެސްއެމުން ވަނީ މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ސުޕްރީމް ކޯޓުގެ ހުއްދަ އަށް އެދި ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީގައިވާ ގޮތުން އެ މައްސަލަ އަދި ބަލައިގެންފައި ނުވެއެވެ
ސިވިލް ކޯޓުގައި ޕީއެސްއެމުން އޭރު ބުނެފައި ވަނީ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އެ މަސައްކަތް ޖޭއެމްޖޭއިން ކުރިއަށް ގެންގޮސްފައިވާކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި ބަދަލު ހޯދަން އެދިފައިވާ އަގަކީ އެ މަސައްކަތްތަކާ އެކަށޭނަ އަގެއް ވެސް ނޫން ކަމަށެވެ.
ގާޒީ ފައްޔާޒް ޝާކިރު ކުރެއްވި ހުކުމްގައިވާ ގޮތުން، އެ މަސައްކަތްކޮށްދީފައި ނުވާ ކަމަށް ޕީއެސްއެމުން އިންކާރުކޮށްފައެއް ނުވެއެވެ. އަދި ޔާސިރާގެ ފަރާތުން ހުށަހެޅި ދެ ޝަފަވީ ހެކިންގެ ހެކިބަހުން ވެސް އެ މަސައްކަތް ކޮށްދިނީ ޖޭއެމްޖޭ ކުންފުނިންކަން އެނގޭ ކަން ވެސް އެ ހުކުމްގައިވެއެވެ.
އެހެންކަމުން ޕީއެސްއެމުން ޖޭއެމްޖޭ އަށް އެ ފައިސާ ދޭން ޖެހޭ ކަމަށް ކަނޑައަޅައިގައި، 3.3 މިލިއަން ރުފިޔާ ހަތަރު މަސް ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ އޭރު ހުކުމްކޮށްފައެވެ.