ޓެކްނޮލޮޖީގެ ރޮނގުން ކުރިމަތިވާ ގޮންޖެހުންތަކާއެކު ޒިންމާދާރު ނޫސްވެރިކަމެއް އޮތުން މުހިންމު ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ އޭޝިއާ މީޑިއާ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަހަރުގެ ސަމިޓުގެ ޝިއާރު ކަމަށްވާ "މޯލްޑިވްސް 2.0 – ފްރޮމް ޓްރެޑިޝަން ޓު ޓެކް" އިން ސަރުކާރުގެ ވިސްނުން ހާމަވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގައުމަށް ޑިޖިޓަލް ބޮޑެތި ބަދަލުތައް ގެންނައިރު، ދިވެހިންގެ އަމިއްލަވަންތަކަމާއި ސަގާފަތް ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑިޖިޓަލް މާހައުލުގައި މީޑިއާއަކީ ޓެކްނޮލޮޖީއާއި މުޖުތަމައު ގުޅުވައިދޭ ފާލަންކަން ފާހަގަކުރައްވައި، އޮޅުވާލުންތަކާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތަކީ އީޖާދީ ބަދަލުތަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ހައްލަކީ ޓެކްނޮލޮޖީ ދެކެ ބިރުގަތުން ނުވަތަ އީޖާދީ ބަދަލުތަކަށް ހުރަސްއެޅުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އޮތް ހަމައެކަނި ހައްލަކީ އަހްލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަން ވަރުގަދަކުރުމާއި، ޑިޖިޓަލް ދާއިރާއަށް މީހުން ހޭލުންތެރިކުރުވުން ކަމަށްވެސް މިނިސްޓަރު ބަޔާންކުރެއްވިއެވެ. މީގެ އިތުރުން ޒިންމާދާރުކަމާއެކު މުއާމަލާތްކުރުމަށް ހިތްވަރުދީ، އިތުބާރު ހުރި މައުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަކީ ހަމައެކަނި ވަކި ގައުމަކަށް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި، ސަރަހައްދީ ގުޅުންތަކާއެކު އެކަކު އަނެކަކަށް އިތުބާރުކޮށްގެން މަސައްކަތްކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި މިފަދަ ބައިނަލްއަގްވާމީ ގުޅުންތައް ހަރުދަނާކުރުމުގައި މީޑިއާ ސަމިޓާއި އޭއައިބީޑީ ފަދަ ޖަމާއަތްތަކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވައި، އެފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
