މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަކުރުމުގެ ގޮތުން، ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން މެޗުތައް ބަލައިލެވޭނެ އިންތިޒާމު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖައްސައިފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ހިމެނޭހެން ތިން ސަރަހައްދެއްގައި ބޮޑު ސްކްރީންތައް މިހާރު ވަނީ ބަހައްޓާފައެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދުތަކުން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވަގުތުން ބަލައިލެވޭނެއެވެ.
ބޮޑު ސްކްރީނުން މެޗުތައް ބަލައިލެވޭނެ ސަރަހައްދުތަކަކީ:
- ހުޅުމާލެ ފޭސް 1 - ސެންޓްރަލް ޕާކު
- ހުޅުމާލެ ފޭސް 1 - ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދު
- ހުޅުމާލެ ފޭސް 2 - ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ސަރަހައްދު
އެޗްޑީސީން ބުނީ މި އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމަކީ ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލޭގައި ދިރިއުޅޭ ފުޓްބޯޅަ ސަޕޯޓަރުންނަށް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މި އިންތިޒާމުތަކާއެކު، ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބެ ފޯރިއާއެކު މެޗުތައް ބަލައިލުމުގެ ފުރުސަތު ހުޅުމާލޭގެ ރައްޔިތުންނަށް މިވަނީ ހުޅުވިފައެވެ.
