މި މަހު ފަށަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މަންޒަރުތައް ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބައިވެރިވެއްޖެއެވެ.
މިކަމަށްޓަކައި މިއަދު ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދެ ފަރާތުގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސިނާން އަލީއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝަކީބެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ނައުފަލް ނާސިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުގެ ފޯރި ދިވެހި ކޮންމެ ގެއަކާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދަކީ މުޖުތަމައު ބަދަހިކުރުމާއި، ކުރިއަށް އޮތް ޖީލުތަކަށް ކުޅިވަރުގެ ރޫހު އާލާކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މި އެއްބަސްވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ވަގުތުން ޓީވީ މޯލްޑިވްސް (ޓީވީއެމް) އަދި ޔޭސް ޓީވީ މެދުވެރިކޮށް ފެންނާނެއެވެ. މީގެ އިތުރުން، މެޗުތަކުގެ އެނަލައިސިސް އާއި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިމެނޭހެން ފުޅާ ދާއިރާއެއްގައި މި މުބާރާތް ކަވަރުކުރުމަށް ޕީއެސްއެމް އިން ވަނީ ރާވާފައެވެ.
