ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ މާލީ ބަޔާންތަކަށް އޮޑިޓާ ޖެނެރަލްގެ ރައުޔެއް ދެވެން ނެތްކަމަށް ނިންމައި، އެ ކުންފުނީގެ ތެރޭގައި ހިންގާފައިވާ 9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަފްސީލް ހާމަކޮށްފިއެވެ.
އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެސްއެމްގެ މާލީ ހިސާބުތައް ބަލަހައްޓާފައި ވަނީ އެއްވެސް އުސޫލެއް ނެތި، ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށެވެ. އެ ކުންފުނީގެ ހިސާބުތައް ހުރި ގޮތުން، މާލީ ހާލަތާއި، އާމްދަނީ އާއި ހަރަދުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެއްވެސް އިތުބާރުހުރި މަގެއް ނެތް ކަމަށް ރިޕޯޓުގައިވެއެވެ. ވަކިން ހާއްސަކޮށް 2020 އިން 2022 އަށް ރައުޔެއް ދެވެން ނެތުމުން، 2023 ވަނަ އަހަރުގެ ފެށޭ ބެލެންސްތަކުގެ ސައްހަކަން ވެސް ކަށަވަރެއް ނުކުރެވެއެވެ.
9 މިލިއަން ރުފިޔާގެ ހިޔާނާތްމި އޮޑިޓުން އެންމެ ބޮޑަށް ފާހަގަވީ 2020 އިން 2024 އަށް ހިންގާފައިވާ 9,034,083 ރުފިޔާގެ ބޮޑު ހިޔާނާތެވެ. މީގެ ތެރެއިން 5.8 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މި މައްސަލާގައި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އަހްމަދު ހަނީފާއި އޭނާގެ ދަރިއެއްގެ ސީދާ ބައިވެރިވުން އޮތްކަން އޮޑިޓުން ވަނީ ކަށަވަރުވެފައެވެ.
ކުންފުންޏަށް ޑޮލަރު ގަތުމުގެ ނަމުގައި އެކައުންޓުން ނެގި 4.58 މިލިއަން ރުފިޔާއަށް ވާ ޑޮލަރު ކުންފުންޏަށް ލިބިފައި ނުވާއިރު، އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ވަނީ ފައިނޭންސް ޑިރެކްޓަރުގެ ދަރީގެ އެކައުންޓަށް ޖަމާކޮށްފައެވެ. މީގެ އިތުރުން 2017 އިން ފެށިގެން އާމްދަނީގެ ގޮތުގައި ލިބުނު 4.26 މިލިއަން ރުފިޔާ އާއި ތިޖޫރީގައި ހުރި 1.9 ލައްކައަށްވުރެ ގިނަ ރުފިޔާ ވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
މުދަލާއި ހިސާބުތަކުގެ މައްސަލަތައް
މާލީ ބަޔާނުގައި 414 މިލިއަން ރުފިޔާގެ ބިމެއް ހިމަނާފައިވީ ނަމަވެސް، އެ ބިމުގެ މިލްކުވެރިކަން ސާބިތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް 598 މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށް ދެއްކި ނަމަވެސް، އެ އަހަރުގެ ޑިޕްރިސިއޭޝަން ހިސާބުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، ކުންފުނީގެ މުދަލުގެ ފުރިހަމަ ރަޖިސްޓަރީއެއް ނެތުމުން، މާލެއާއި އަތޮޅުތެރޭގައި ހުރި ބައެއް ބިންތަކާއި އިމާރާތްތައް ރެކޯޑުކުރެވިފައެއް ނުވެއެވެ.
އާމްދަނީ އާއި ހަރަދުތަކުގެ ސައްހަކަން ގެއްލިފައި
2023 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ރެކޯޑުކޮށްފައިވާ 22 މިލިއަން ރުފިޔާ އާއި، 136 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހަރަދުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެއްވެސް ހެއްކެއް އޮޑިޓަރުންނަށް ލިބިފައެއް ނުވެއެވެ. އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ އާއި ދައްކަންޖެހޭ 172 މިލިއަން ރުފިޔާގެ ދަރަނީގެ ހިސާބުތަކުގައި ވެސް ބޮޑެތި އޮޅުންބޮޅުންތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.
އެކައުންޓިންގެ އެންމެ އަސާސީ ކަންކަން ކަމުގައިވާ ބޭންކް ރީކޮންސިލިއޭޝަން ހެދުމާއި، އަތުގައި ހުރި ނަގުދު ފައިސާ ގުނައި ކަށަވަރުކުރުން ފަދަ ކަންކަން ވެސް ޕީއެސްއެމްއިން ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން، ޕީއެސްއެމްގެ މާލީ ހާލަތު އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ހާމަވެއެވެ.
