އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކުރަން މަސައްކަތްކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފިއެވެ.

އއ. މާޅޮހުގައި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ އަކީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމަށްވީ ނަމަވެސް، އިދިކޮޅުގެ ކުލަތައް އެބަ ޖެހޭ ކަމަށާއި، އެމަނިކުފާނަށް ބައެއް ރަށްރަށުން އެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ތުހުމަތުކުރައްވާ ގޮތުގައި އިދިކޮޅުން ޕްރައިމަރީ ގަޑުބަޑުކުރަން މަސައްކަތް ކުރަނީ އެމްޑީޕީ އަށް ވެރިކަމުގައި އޮވެވޭނެކަން ޔަގީން ވާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ ވެސް މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެ ބޭފުޅުން ނިކުމެ އެތިބީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީއަކީ ރާއްޖެ އަށް އަދި ސިޔާސީ ޕާޓީތަކަށް ޑިމޮކްރަސީގެ ނަމޫނާ ފުރިހަމައަށް ދައްކަމުންދާ ޕާޓީއެކެވެ. އެއީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ވާދަވެރިވާ ސަބަބެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

އެއާއެކު ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި، ބޮޑުު ތަފާތަކުން ކާމިޔާބުކުރެއްވުމަށް ފަހު ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން، އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ މިހާރުގެ އަމާޒަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް މަސައްކަތް ކުރުން ކަމަށާއި، އެއަށް ފަހު ޔާމީންގެ ކެމްޕެއިން އާ ގެން ކުރިއަށް ދިއުން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ޕްރައިމަރީގެ ނަތީޖާ އަށް އިދިކޮޅުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެދުމަށް އެމްޑީޕީގެ އިސްބޭފުޅުން ގުޅިގެން މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

އަޅުގަނޑުމެން [ޕްރައިމަރީ] ގަޑުބަޑު ކުރުމުގެ ބޭނުމެއް އެބައޮތްތޯ؟ އެމްޑީޕީގެ އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން ގުޅިގެން ކުރާ ހުރިހާ ކަމެއް. އަޅުގަނޑުމެން ބަލަން ބޭނުންވާ ކަމެއް ނޫން އެ ޕްރައިމަރީ ކާމިޔާބުކުރަނީ ކޮން ބައެއްތޯ،" ހީނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުޑަތަން ވެފައިވާއިރު، ރައީސްގެ އިތުރުން އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރަށްރަށުގައި ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.