އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރަށްރަށަށް ކެމްޕެއިން ކުރައްވަން ވަޑައިގަންނަވާއިރު އިދިކޮޅުން ކުރާ އިހްތިޖާޖުތަކަށް ރައްދު ދެއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ.
ރައީސްގެ ކެމްޕެއިން ދަތުރުފުޅުތަކާ ދިމާކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން ދަނީ ރައީސް ވަޑައިގަންނަވާ ސަރަހައްދުތަކުގައި އިހްތިޖާޖުކޮށް، ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން ރައީސް ވަޑައިގަންނަވާ ގިނަ ރަށްރަށުގައި އިދިކޮޅުން އިހްތިޖާޖުކުރަމުން ދާއިރު، މިއަދު އއ. މާޅޮހަށް ވަޑައިގަތުމުން ވެސް އިދިކޮޅުން އިހްތިޖާޖުކޮށްފައިވެއެވެ.
މާޅޮހުގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގައި އެއްވެ އުޅުމާއި ޝުއޫރު ފާޅުކުރުމަކީ "ބިރެއް"ގެ ގޮތުގައި އޮތް ކަމެއް ކަމަށާއި، 2018 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އަޅާފައިވާ ހުރަސްތައް ނައްތާލައްވާފައިވާނެ ކަމަށެވެ.
ނަމަވެސް، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު، ރަނގަޅު ގޮތުގައި އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
"ތިމާ ފާޅުކުރާ ހިޔާލެއް ނޫނިއްޔާ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮއްސިއްޔާ ދެން ޖެހޭނީ އެޔާ ދޭތެރޭގައި އެކަމުގަ ތިބި ބަޔަކު ވިސްނަން،" އެ މަންޒަރު ބައެއް ފަހަރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަން ހާމަކުރައްވައި ރައީސް ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާކުރާކަށް އަޅުގަނޑު ނެތިން. ހިޔާލު ފާޅުކުރުން ހުއްޓުވާކަށް ވެސް ނެތިން،"
ޝުއޫރު ފާޅުކުރިޔަސް، އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށާއި، އެހެން މީހުން ހަރަކާތްތައް ހިންގުމަށް ފުރުސަތު ދޭން ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކެމްޕެއިން ދަތުރުފުޅުގައި ރައީސް ތާއީދު ހޯއްދެއްވުމަށް ބައެއް ރަށްރަށަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގައި ތިބޭ އިދިކޮޅު ސަޕޯޓަރުން ރައީސް ވަޑައިގަންނަވާ ސަރަހައްދަށް އެއްވެ އިހްތިޖާޖުކުރެއެވެ. އިދިކޮޅުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، އެމަނިކުފާނަށް ކުރި ހުކުމް ބާތިލްކުރުމަށެވެ.