އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް "ރަންރީނދޫ" ގެ ނަމުގައި މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމި ދުވުމުގެ ހަރަކާތް ފަސްކޮށްފިއެވެ.
އެމްޑީޕީން ބުނީ ފުލުހުންގެ އެހީތެރިކަމާއެކު އެ ދުވުން ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މާދަމާ ބާއްވަން ނިންމި ދުވުން ދެން ކުރިއަށް ދާނީ އޮގަސްޓް 1 ވަނަ ދުވަހުކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި މި ދުވުމާއި ގުޅޭ ތަފްސީލުތައްވެސް ހާމަކުރަމުން ދާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަން އެ ޕާޓީން ފުރަތަމަ ނިންމީ މި މަހު 18 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ނަމަވެސް އެ ދުވުމަށް އެޗްޑީސީގެ ހުއްދަ ނުލިބުމުން އެ ހަރަކާތް މާދަމާ ހަވީރު މާލޭގައި ބާއްވަން އެ ޕާޓީން ނިންމީ މިދިޔަ ހަފުތާގައެވެ.
އެމްޑީޕީގެ ދުވުމުގައި ހާއްސަ ދަންމަރެއް ރޯކުރުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީން ބުނީ ހުޅުމާލޭގައި ދުވުމަށް ފަހު ދެން އެ ދަންމަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ގެންދާނެ ކަމަށެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށެވެ".