މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދު އެމްޕީއެލް އާއި ހަވާލުކުރުމާއި ގުޅިގެން މިހާރު މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހަވާލުކޮށްފައިވަނީ ޖޫން 11، 2025 ވަނަ ދުވަހުއެވެ. މި ބަދަލާއެކު، އޮގަސްޓް 1، 2025 އިން ފެށިގެން މާލޭ ނޯތު ހާބަރުން ހިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މިހާރު ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާއިރު މަސް ދޯނި ފަހަރަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ. އެހެންކަމުން ނޯތު ހާބަރުގެ ކީ ވޯލްއިން އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވިގެންދާއިރު 25 އުޅަނދު ވެއިޓިންގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
މި އައި ބަދަލާއި ގުޅިގެން މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާކަން ހާމަކޮށް އެ ކުންފުނިން ބުނީ ހިދުމަތް ހޯދާ އުޅަނދުތަކަށް ވާއައްސާ މޫޓްތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ މި ގޮތުން ފަޅުގެ މެދުން ލައިނަކަށް ފަސް ފޫޓް ފަސް ފޫޓްގެ ދިހަ ކޮންކްރީޓް ބުޑު ފައްތާ ޗޭނަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އަދި ޒޯންތައް ފާހަގަ ވާނެ ގޮތަށް ސައިން ބޯޑްތަކެއް ހަރުކުރެވޭނެކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުން މާލޭ ނޯތު ހާބަރުން ކީވޯލް އިން ޖާގަ ދެމުން ދަނީ ކިއު ތަރުތީބެއްގެ ދަށުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ އަދި ފެނާއި ކަރަންޓްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދާއިރު މުޅި ބަނދަރު މާލޭ ނޯތު ހާބަރާއި ހަވާލުވުމުން ކިއުތަރުތީބަކުން މުޅި ބަނދަރަށް ކީވޯލްއިން ޖާގަދެމުންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މަސައްކަތްފަށާފައިވާއިރު އެމްޕީއެލް އިން ބުނީ ތެލުގެ ހިދުމަތް ކައިރި މުސްތަގްބަލެއްގައި ދިނުމަށް ނިންމާފައިވާކަމަށެވެ.