ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ހަވީރު މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވާތީ، އެ ވަގުތުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން ސަރުކާރުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިވަން ދުވަސް ފާހަގަކުރުމަށް ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާ، އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތުތައް ކަނޑައަޅާފައިވާކަމަށެވެ.
މާލޭގައި ވެހިކަލް ދުއްވުން މަނާ ވަގުތު:
- ހުކުރު ދުވަސް: ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ދުއްވުން މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް މަނާވާނެ.
- ހޮނިހިރު ދުވަސް: ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދުތައް، މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ދުއްވުން މަނާވާނެ.
- އާދިއްތަ ދުވަހު: ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ހަވީރު 6:00 އިން މެންދަމު 12:00 އަށް މަނާވާނެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސާއި ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އެ ވަގުތުތަކުގައި ވެސް ދޭނެ ކަމަށެވެ. އަދި މި އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުަމށް ނިންމާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަތުމަށްވެސް ވަނި ހަމަޖެހިފައެވެ.