މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ނިލަންދޫ / މާޑު، މުއާވިޔަތު އަހްމަދު (30އ)ކެވެ.
ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ދެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެތަނުން އެއް ގެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.