ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުނަމާނާއެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ސްކްލިސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންއެސްޑީއޭ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒަހްރާ މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު (ޕީޓީސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމްއެންއެސްޑީއޭ އިން ކަށަވަރުކުރާނެއެވެ. އަދި އެމްޕީއެލްއިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާ އެންޓީޓީސީ ހިންގުމުގައި އެމްއެންއެސްޑީއޭއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު އިން އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ތައުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން ދާކަން ފާހަގަކޮށްލެވެއެވެ އަދި މީގެ އިތުރުން، ޒުވާނުން މެރިޓައިމް ދާއިރާއަށް ވައްދައި، ޝައުގުވެރިކަން އިތުރުކުރުމަށް އިންޓާންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ޕޯޓް ޓްރެއިން ސެންޓަރުން ކުރިއަށް ގެންދެއެވެ.