ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުންދާ އިމިގްރޭޝަން ރެއިޑް އޮޕަރޭޝަންގެ ތެރެއިން އިއްޔެ 3 ބިދޭސީއަކު އަތުލައިގަނެ މި މަހު އަތުލައިގެން ބިދޭސީންގެ އަދަދު 60 އަށް އަރައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގައި ޖުމްލަ 10 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 20 ވަނަ ދުވަހު މ.އަސަރީހިނގުން އަދި އަސަރީ ގޯޅިގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަން ބަލައި ގަވައިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކު ވަނީ އަތުލައިގެންފިއެވެ. ހަމައެއާއެކު މިމަހުގެ 21 ވަަނަ ަދުވަހު ގަވައިދާ ހިލާފަށް އުޅޭ 1 ބިދޭސީއަކު އަތުލައިގެންފައިވާ އިރު މި މަހުގެ 9 ވަނަ ދުވަހު މާލޭގެ ދިލްބަހާރުމަގުގައި ހިންގާ ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދާ 31 ބިދޭސީން ވަނީ އަތުލައިގެންފައެވެ.

މި މަހުގެ 7 ވަނަ ދުވަހު މާލޭގައި ހިންގަމުންދާ ޓޭކްއަވޭ ކެފޭއެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ. ހަމައެއާއެކު މި މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި 10 ފިރިހެނުންނާއި 5 އަންހެނަކު ހިމެނެއެވެ.

މިއާއެކު މި މަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ޖުމްލަ 60 ބިދޭސީން މި ވަނީ އަތުލައިގެންފައެވެ.

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކޮށްފައެވެ. ހުއްދަނެތް ވިޔަފާރިތައް ކުރުމާއި ގަވައިދާ ހިލާފަށް އުޅުމުގެ އިތުރުން ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަނީ 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

މީގެ އިތުރުން ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް ފަށައި މި މައްސަލަ ހައްލުކުރުމަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ އިރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިދިޔަ ދޮޅު އަހަރު ތެރޭ ވަނީ ހޯދާފައެވެ.