އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު، ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ. އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އެ މީހުން ހޯދަން އާންމުންގެ އެހީއަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ހިއްސާކުރުމަށް އެދިފައެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ތިބި ދެ މީހުން ހުޅުމާލެ 2 ގައި މީހުން ނޫޅޭ ހިސާބަކަށް ގޮސް ފައިބައި ކާރަށް ލިބިފައިވާ ގެއްލުންތައް ބަލާ މަންޒަރު ފެނެއެވެ.

ކާރުން ފައިބައި ދެ މީހުންގެ ތެރެއިން އެކަކު ހުންނަނީ ރަތް ކުލައިގެ އަތްދިގު ގަމީހަކާ، ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އަދި އަނެއް މީހާ މަޑު މުށި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން ހުންނައިރު އެ މީހުން ކައިރިއަށް އެޗްޑީސީގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ދާތަން ވެސް ފެނެއެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުން ކަޅު ކުލައިގެ އެ ސްޕޯޓްސް ކާރުގެ ކުރި އަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ.