ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ތުޅާދުއަށް ވަޑައިގަތުމުން މުޒާހަރާކޮށް އޭނާ ހުންނެވި ގޭ ދޮށަށް އެއްވެއްޖެއެވެ.
މިއަދު ހެނދުނު ހިސާން އެ ރަށަށް ވަޑައިގަތުމުން ހިސާން ފަހަތުން އަޑުއުފުލަމުން ގޮސް އޭނާ ވެންނެވި ގެސްޓްހައުސް ކައިރީ މުޒާހަރާ ކުރުމަށް ފަހު ހިސާން އެހެން ގެއަކަށް ވަޑައިގަތުމުން އެގޭ ކައިރީގައި ވެސް ވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގައި އިދިކޮޅުގެ މީހުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ހިމެނޭ ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދިން އެ ރަށު މީހަކު ވަނީ ބުނެފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހިސާން ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަރާމް ހުކުމެއް ކޮށްފައި ވާތީ ތުޅާދޫގައި ކެމްޕެއިން ކުރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް ގޮވާލާފައެވެ. އަދި މި ސަރުކާރުން ނުފުއްދާ ހުރި ވައުދުތަކުގެ ވާހަކަތައްވެސް ވަނީ ގޮވާފައެވެ.
އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނިކުމެފައި ވާއިރު އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް "ދަ ޕްރެސް" އިން ތުޅާދޫ ކައުންސިލަށް ގުޅުމުން ވަނީ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. އެގޮތުން ތުޅާދޫ ކައުންސިލް މެންބަރު ރިޝާދާ މުހައްމަދު ވިދާޅުވީ ހިސާން އެރަށަށް ވަޑައިގަތީ ރަސްމީ ދަތުރެއްގައި ނޫން ކަމަށާއި އެކަމުގެ މައުލޫމާތު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މީގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވަނީ އެ މައުލޫމާތު ހޯދަން ގުޅީ ކޮން ފަރާތަކުން ހުއްދަ ދީގެންތޯއާއި އެ ހުއްދަ ފޮނުވުމުމަށް އެދި މައުލޫމާތު ދޭން ދެކޮޅު ހައްދަވާފައެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް އިދިކޮޅުން ރަށްރަށުގައި މުޒާހަރާ ކުރަމުން އަންނައިރު އެ މުޒާހަރާތަކުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުން އަންނަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ. އަދި ބައެއް ރަށްތަކުގައި ނުފުއްދާ ހުރި ކަންކަމުގެ ވާހަކަތައް ގަނޑުތަކުގައި ލިޔެ، މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.
މިއަދު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.