މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ހިސާން ފާހަގަކުރައްވާފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ނައިބު ރައީސަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެއް ނޫން ކަމަށެވެ. އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރާ މަގާމެއްކަން ހިސާން ހަނދާންކޮށްދެއްވިއެވެ.
ސިޓީގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ހިސާންއަކީ އޭރު ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުالله ޝާހިދުގެ އިސްނެންގެވުމަށް އެމްޑީޕީ ގެ ނައިބު ރައީސް މަގާމަށް އައްޔަނުކުރެވުނު ބޭފުޅަކަށް ވާތީ، މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ސީދާ ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ ރައީސްގެ މެންޑޭޓާއެވެ. އެހެންކަމުން، ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައި، ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތްކުރާއިރު، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭތީ މަގާމުން ވަކިވެވަޑައިގަތީ ކަމަށް ހިސާން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
މީގެއިތުރުން، ޕާޓީގެ ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވީނަމަވެސް، އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ސާބިތުވެ ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ ލީޑަޝިޕަށާއި އެންމެހައި ލޮބުވެތި މެންބަރުންނަށް ހިސާން ވަނީ އަރުވާފައެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ހިދުމަތްކުރެއްވުމަށް ލިބުނު ފުރުސަތުގައި، ޕާޓީގެ އެކި ފަންތީގެ ފަރާތްތަކުންނާއި މެންބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ހިސާން ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
