މެންޑޭޓު ނުފޮނުވާ ކަމަށް ވިދާޅުވެ، ކެބިނެޓަށް ވޯޓަށް އެހޭނެ ކަމާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ސުވާލު އުފައްދަވައިފިއެވެ.
މިއަދުގެ ޖަލްސާގެ ދެވަނަ ނަންބަރެއްގެ ގޮތުގައި އެޖެންޑާކޮށްފައި ވަނީ މިނިސްޓަރުންނަށް ރުހުން ދިނުމެވެ.
ޖަލްސާ ފެށުނުތަނާހެން ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ހިސާން ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ރިޕޯޓް އެޖެންޑާގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 200 ވަނަ މާއްދާގެ ހަމަތަކާ ހިލާފަށް ކަމަށާއި އެ ރިޕޯޓަކީ އެ މާއްދާތައް ފުރިހަމަ ނުވާ ރިޕޯޓެއް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓަކީ މިއަދު ވޯޓަށް އެހޭނެ ރިޕޯޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އަދި 200 ވަނަ މާއްދާ (އ) އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކުގައި ހިމެނޭ މަސައްކަތްތައް މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި މިނިސްޓްރީތައް ގާއިމުވެގެން 30 ދުވަސްވެފައިވާއިރު މިހާތަނަށް މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާ ކަމަށެވެ.
ހިސާން ވަނީ މެންޑޭޓް ދިރާސާ ނުކޮށް މިނިސްޓަރުންނަށް ރުހުން ދެނީ އެ ބޭބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާކުުރުމަށް ނުވަތަ އަދާނުކުރުމުގެ ގާބިލިއްޔަތުކަން ހުރެގެން ނުވަތަ ނެތިގެންކަން ރިޕޯޓުން ސާފުނުވާ ކަމަށް ވިދާޅުވެފައެވެ.
ހިސާން ވިދާޅުވީ އެ މަރުހަލާގައި ކޮމިޓީއަށް މެންޑޭޓު ފޮނުވާފައި ނެތުމަކީ ދިރާސާ ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި މަޖިލިހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ރުހުމަށް އެދި ފޮނުވާ ކަމަކާ ގުޅޭ ގޮތުން ކޮމިޓީއިން އެ މާއްދާ ބަޔާންކޮށްފައިވާ ދެ ގޮތުގެ ތެރެއިން އެއް ގޮތަކަށް ނިންމަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުން މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ރައްޔިތުން މަޖިލީހުން ނުފެންނަ ކަން ކަމަށް ހިޝާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ އެޖެންޑާ ކުރެވިފައިވާ ރިޕޯޓުގައި އެ ދެ ކަމުން ކުރެ ގޮތަކަށް ނިންމާ، ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި 200 ވަނަ މާއްދާގެ (އ) ގައި ވޯޓަށް އެހޭނީ ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށްފައިވާ ރިޕޯޓަކަށްކަމަށް ވާތީ މި ރިޕޯޓުގައި މިއިން ގޮތަކަށް ބަޔާންކޮށްފައި ނެތްއިރު ވޯޓަށް އެހޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އެއާއެކު އެ ނިޒާމީ ނުކުތާ ބަލައިގަނެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ނިންމަވާފައެވެ.