މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އައްޔަންކޮށްފިއެވެ.

މިއީ އެމްޑީޕީގެ ނައިބު ރައީސްކަމަށް ކަނބަލަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ހުސްވެފައިވާ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން މި މަހުގެ އަށްވަނަ ދުވަހު ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.

ހިސާންގެ ފޮޓޯއަކާ އެކު 'އެކްސް'ގައި އެ ދުވަހު ޝާހިދު ލިޔުއްވި ގޮތުގައި، އެމްޑީޕީ އަށް ހިސާން ކޮށްދެއްވި ހިދުމަތްތަކަށް ބަލާއިރު، އެ ޕާޓީގެ ނައިބު ރައީސްކަމަށް އެންމެ އެކަށީގެންވަނީ ހިސާނެވެ. ހަމަ އެ ޕޯސްޓުގައި ޝާހިދު ވަނީ އެމްޑީޕީގެ ލީޑާޝިޕްގައި އަންހެން ބޭފުޅުން މަދުކަން ވެސް ފާހަގަކުރައްވައިފައެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމަށް ހިސާން އައްޔަންކުރުމަށް ޝާހިދު ވަނީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ހުށަހަޅުއްވައިފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ހިސާން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

މިފަހުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހިސާން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުކަން ކުރައްވައި، ދައުލަތުގެ ބަންޑާރަނައިބުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކުރައްވައިފައެވެ. މީގެ އިތުރުން ހިސާން ވަނީ، ނިމިދިޔަ ފަސް އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވައިފައެވެ.