މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އައްޔަންކުރުމަށް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.
ހިސާންގެ ފޮޓޯއެއް ހިމަނުއްވައި 'އެކްސް'ގައި ޝާހިދު ލިޔުއްވި ގޮތުގައި، މި ވަގުތު އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހިސާން އެ ޕާޓީގެ ނައިބު ރައީސްކަމަށް އައްޔަންކުރުމަށް، ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ހިސާންގެ ނަން ހުށަހެޅުއްވީ މިއަދެވެ.
"އަލްއުސްތާޒާ ހިސާން ހުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހްލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެމެވެ،"
އެމްޑީޕީގެ ލީޑާޝިޕްގައި އަންހެން ބޭފުޅުން މަދުކަން ފާހަގަކުރައްވައި، އެއީ ވެސް ހިސާންގެ ނަން ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް، ޝާހިދު ލިޔުއްވިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުކަން ކުރައްވައި، ދައުލަތުގެ ބަންޑާރަނައިބުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކުރައްވައިފައެވެ. މީގެ އިތުރުން ހިސާން ވަނީ، ނިމިދިޔަ ފަސް އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވައިފައެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި، މިދިޔަ އަހަރުގެ ޖޫން މަހު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.