ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭފުޅުން އައްޔަން ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޅ. ހިންނަވަރު، މާތިލަ، އާދަމް މުހައްމަދު އައްޔަން ކޮށްފައި ވާއިރު ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކޮށްފައި ވަނީ ގއ. މާމެންދޫ، ފެހިގެ، އަހުމަދު ނިމާލް ޖުނައިދެވެ. މި ދެ ބޭފުޅުންނަށްވެސް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދައިރާގެ މެންބަރު ހިސާން ހުސައިން އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް އައްޔަން ކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ގާޒީ ނިމާލް ޖުނައިދު / ފޮޓޯ: ޖޭއެސްސީ

އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލް އައްޔަންކޮށްފައި ވަނީ ސިިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވި އަބްދުﷲ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

މި ދެ މަގާމަށްވެސް ބޭފުޅުން އައްޔަންކޮށްފައި ވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނުން ލަފާދޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޝަނުން ލަފާދީފައިވާ ގޮތުގެ މަތިންނެވެ.