ހޮނު އަޅާއިރު ވިދުވަރު ދައުރު ކުރާ ގޮތް ކޮންޓްރޯލް ކުރަން ލޭޒާ އައްޔެއް އީޖާދު ކޮށްފިއެވެ.
އާދައިގެން ކުޑަ ކާރެއްގެ ސައިޒުގައި 5 ފޫޓު ފުޅާ، 16 ފޫޓު ދިގު އަދި ބަރުދަނުގައި 3 ޓަނު ހުންނަ ވަރުގެ ރޮޑަކުން ވިލާތަކުގެ ތެރެއަށް ފޮނުވާލާ ލޭޒާ އައްޔެއްގެ އެހީގައި، ހޮނު ދަތުރު ކުރާ ގޮތް ކޮންޓްރޯލް ކުރާ މި އުފެއްދުން އީޖާދު ކުރީ ސްވިޓްޒަލޭންޑާއި ޖަރުމަނުވިލާތުގެ ސައިންޓިސްޓުން ތަކެކެވެ.
ހޮނު އެޅުން ކޮންޓްރޯލް ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަނީ 1752 ގައި އީޖާދު ކުރި ހޮނު ދަނޑިއެވެ. އެ ދަނޑިއަކީ އުސްކޮށް ޖެހި ވަރަކަށް ވިދުވަރު ފޯރާ ދުރުމިން ކޮންޓްރޯލް ކުރެވޭ ދަނޑިއެކެވެ. މިސާލަކަށް 32 ފޫޓު އުސް ދަނޑި އަކުން ކަވަރު ކުރާނީ 32 ފޫޓުގެ ވަށަމިނުގެ ޖާގައެކެވެ. ދަނޑި ކުޑަވާ ވަރަކަށް ކަވަރު ކުރާ ޖާގަ ކުޑަ ވުމާއި، ބޮޑެތި ކާރުހާނާ ތަކާއި، އެއާޕޯޓުތަކާއި، ރޮކެޓް އެއްޗެހި ފޮނުވާލާ ލޯންޗްޕެޑްތަކާއި ބޮޑެތި ނިއުކްލިއާ އިންޖީނުގެތައް ފަދަ ތަންތަން، ހޮނު ދަނގަޑު ޖަހައިގެން ކޮންޓްރޯލް ކުރުމަކީ ގޮންޖެހުމަކަށް ވެފައި އޮންނަ ކަމެކެވެ.
ހިސާބުތައް ދައްކާ ގޮތުން ހޮނުއެޅުމުގެ ހާދިސާތަކުގައި އަހަރަކު 24،000 މީހުން މަރުވެއެވެ.
ސައިންސްވެރިން އަލަށް އީޖާދު މި ކުރި ލޭޒާ ލައިޓް ސްވިޒަލޭންޑްގައި ޓެސްޓް ކޮށްފައި ވާ އިރު ނަތީޖާ ކާމިޔާބު ކަމަށް ބުނެއެވެ. މި ލައިޓް ޓެސްޓް ކުރުމަށްޓަކައި ސައިންޓިސްޓުން ވަނީ އަހަރަކު 100 އެތައް ފަހަރަކު ހޮނު އަޅާ ސްވިޒަލޭންޑްގެ މައުންޓް ސޭންޓިސް (ފަރުބަދަ) މަތީގައި މިހާރުވެސް ހުންނަ މުވާސަލާތީ ޓަވަރު ކައިރީގައި މި އާލާތް އިންސްޓޯލް ކޮށް ޓެސްޓް ކޮށްފައެވެ. 6 ގަޑި އިރުގެ ނަތީޖާއިން ދައްކާ ގޮތުން ހޮނު އެޅި ހަތަރު ފަހަރުވެސް ޓަވަރަށް ފޯރުމުގެ ކުރިން ވިދުވަރުގެ މިސްރާބު ލޭޒާ ލައިޓަށް ހިފި ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
އެ ނަތީޖާގެ އަލީގައި، ލޭޒާގެ އެހީ ބޭނުން ކޮށްގެން ވިދުވަރުގެ މިސްރާބު ބަދަލު ކުރެވޭނެ ކަން ޔަގީން ވާ ކަމަށާއި ފުޅާދާއިރާއެއްގައި ލޭޒާ ބޭނުން ކުރުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ވަނީ ބުނެއެވެ.