މިސްރުގައި ހުންނަ ތާރީހީ އަހުރާމްތައް ނުވަތަ ޕިރަމިޑްތަކުގެ އަޑީގައި ބޮޑު ޝަހަރެއް އެބަ އޮތް ކަމަށް ތާރީހު ދިރާސާ ކުރުމާއި ތަހުލީލު ކުރުމުގެ މަސައްކަތް ކުރާ އިޓަލީ އާއި ސްކޮޓްލޭންޑަށް ނިސްބަތްވާ ރިސާޗަރުންގެ ބަޔަކު ބުނެފިއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޕިރަމިޑްގެ ބިމު އަޑީގެ ސްކޭންތައް ހެދުމަށްފަހު އެ ޓީމުން ބުނެފައި ވަނީ ޕިރަމިޑްގެ އަޑިން 6500 ފޫޓު ފުނުގައި ބޮޑު ސިޓީއެއް އޮތް ކަމަށެވެ.
ރޭޑާ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ގެންދިޔަ ރިސާޗުގައި އެއްކުރެވުނު މައުލޫމާތު ދިރާސާ ކުރުމަށް ފަހު އެޓީމުން ބުނެފައި ވަނީ، ޕިރަމިޑްތަކުގެ އަޑީގައި އޮތް އެ ސިޓީ ދުރަށް ފެތުރިފައި ވާ ކަމަށެވެ. އަދި އެ ސްކޭންގައި ޕިރަމިޑްގެ އަޑީގައި ތަނބުތަކެއް ހެން ހުރި ހިޔަނިތަކެއް ހުރިކަން ފާހަގަވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ. އެ ޓީމުގެ އެއް އޮފިޝަލަކު ވަނީ ސްކޭންގައި އެމީހުންނަށް ފެނުނު މަންޒަރުތައް ޔޫޓިއުބްގައި އާންމުވެސް ކޮށްފައެވެ.
ރިސާޗަރުން ބުނަނީ، އެމީހުންގެ ސްކޭންގައި އެއްގޮތަކަށް ހުރި މާސިންގާ 8 އެއްޗެއް ފެނިފައި ވާ ކަމަށާއި އޭގެ ތެރޭގައި ތަނބު ގޮތަށް ހުރި ތަންތަން ވެސް ފާހަގަވެފައި ވާ ކަމަށެވެ. ސިލިންޑަރު ބައްޓަމަށް (ވަޅެއްގެ ބައްޓަން) ފުނަށް ހުރި އެ ތަކެތި ގާތްގަނޑަކަށް 2100 ފޫޓު ފުނަށް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެއިން ކޮންމެ ތަނބެއް ވަށއި އެނބުރޭ ގޮތަށް އިސްޕިރޭންޏެއް (ސްޕައިރަލިން) ހެން ހުރި ބައްޓަމެއް ފާހަގަ ވެފައި ވާކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ސްޕައިރަލިން ގުޅިފައި ހުރީ ހަތަރެސް ކަމަށް ހުރި މާސިންގާ ބޮޑު 2 ކޮޓަރި ނުވަތަ ޗެމްބަރާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެއިން ކޮންމެ ޗެމްބަރެއްގެ ބޮޑު މިނުގައި 80 މީޓަރު ހުންނަ ކަމަށް ވެސް ބުނެއެވެ.
އެޓީމުން އިތުރަށް ބުނީ، ހައިރާން ކުރުވަނިމި ދެވަނަ ކަމަކީ ގާތްގާތުގައި ހުރި މިސްރުގެ އަހުރާމްތަކުގެ ތެރެއިން ގިޒާ، ޚަފްރީ އަހުރާމާއި އެކު ޖުމްލަ 3 އަހުރާމެއްގެ އަޑިން އެ ސްޓްރަކްޗާތަކުގެ ތެރެއިން އެކަތި އަނެކައްޗާ ގުޅުވާފައި ވާ ކަމަށާއި އަޑިން ދެވެން އޮންނަ މަގު ފެނިފައި ވާ ކަމަށެވެ. އެއީ ބިމު އަޑީގެ ޗެނަލް ނުވަތަ ޓަނަލް ތަކެއް ގޮތަށް ހުރި ތަންތަން ކަމަށާއި ބިމުގެ ސަހަތައިން ފެށިގެން 4000 ފޫޓު އަޑި ކަމަށެވެ.
އިޓަލީގެ ޔުނިވާސިޓީ އޮފް ޕިސާ އަދި ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް ސްޓްރެޗީލީޑްގެ ދެ ރިސާޗަރުންގެ މި ހޯދުމާ ގުޅޭ ގޮތުން މިސްރުގެ އާސާރާ ބެހޭ އޮފީހުން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް އެ ހޯދުން ބަލަމުން ދާ ކަމަށް ބުނެއެވެ. އަދި އެ ދެމީހުންގެގެ ހޯދުން ގަބޫލު ނުކުރާ އެހެން މީހުންނާއި އެހްނެ ފަރާތްތައް ތިބުމާއެކު ޕިއާ ރިވިއުއަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މިސްރުގެ އަހުރާމުތަކަކީ ދުނިޔެގެ 7 އަޖަބުގެ ތެރޭގައި ވެސް ހިމެނޭ ތަންތަނެވެ.