ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް އެޕް ކަމަށް ވާ ޓިކްޓޮކް އެމެރިކާގައި މަނާ ކުރަން ފާސްކޮށް އަދި ސްޕްރީމްކޯޓުންވެސް އެގޮތަށް ނިންމާފައި ވަނިކޮށް މަނާކުރުން ފަސްކުރާ އަމުރުގައި ޓްރަމްޕް ސޮއި ކުރެއްވުމާއެކު ގިނަ ސުވާލުތައް އުފެދިއްޖެއެވެ.

އެ ސުވާލުތަކުގައި ޖަވާބުގައި ޓްރަމްޕް ވެސް ކުރައްވަނީ ސުވާލުތަކެކެވެ. އޭނާ އައްސަވަނީ ބިރުގަންނަނީ ޓިކްޓޮކް ދެކެތޯ ނުވަތަ ޗައިނާގައި އުފައްދާ ފޯނާއި ކޯމްޕިއުޓަރު ބޭނުންކުރަންތޯއެވެ.

އެހެން ވިދާޅުވެ، އޭނާ ވަނީ މިހާރުވެސް އެމެރިކާގައި އެމެރިކާގެ ރައްޔިތުން ބޭނުން ކުރާ ބައެއް ބްރޭންޑްތަކުގެ ފޯނާއި ކޮމްޕިއޓަރު ހަދަނީ ޗައިނާގައި ކަމަށް ވިދާޅުވެއެވެ.

ޓިކްޓޮކް އަށް ހުއްދަ ދިނުމުން ނޫސްވެރިން ކުރިމަތި ކުރާ ސުވާލުތަކުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، ޗައިނާއިން ޖާސޫސް ކުރަނީ ހަމައެކަނި ޓިކްޓޮކް އިން ކަމަށް ބުނުމަށް ވުރެ ޗައިނާގައި އުފައްދާ އަދި ހަދާ ކޮންމެ އެއްޗެއް މެދުވެރިކޮށް ޖާސޫސް ކުރާކަމަށް ބުނެވިދާނެ ކަމަށެވެ.

"އަހަރެމެން އަތުގައި އެބަހުރި ޗައިނާއިން ހަދާ ފޯނު، ކޮމްޕިއުޓަރު، ޓިކްޓޮކް އާންމީ ޒުވާނުންގެ މެދުގައި، އެ ކުދިންނަށް ފާރަލައި މޮޔަ ވީޑިއޯ ތައް ބަލައި ކުދިންނަށް ޖާސޫސް ކުރުން އެހާ މުހިންމުތަ؟"
ޓްރަމްޕް

އެ ސުވާލަށް ނޫސްވެރިއަކު ރައްދު ދެމުން ބުނެފައި ވަނީ، ޗައިނާއިން އެއްވެސް މީހަކަށް ޖާސޫސް ކުރަން ނޭދޭ ކަމަށެވެ.

ޗައިނާއަށް ނުސްބަތްވާ އެޕް، ޓިކްޓޮކް އެމެރިކާގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައި ވާ އިރު، އެޕްގެ ވިޔަފާރިވެސް ރަނގަޅުވުމާއެކު ސިޔާސީ އެތައް ސަބަބުތަކެއް މަތިކޮށް، އެ އެޕް މަނާކުރަން ފާސްކުރީ ނިމިދިޔަ ޖޯ ބައިޑަންގެ ސަރުކާރުގައެވެ. އެޕް ހިންގާ ބައިޓްޑާންސް އަށް ފުރުސަތު ދިނީ، އެޕް ވިއްކާލައި އޭގެ ވެރިން ބަދަލު ކުރުމަށެވެ. ނުވަތަ އެޕް އެއްކޮށް ބަންދު ކުރުމަށެވެ. އެޕް ވިއްކާލުމުގެ ވާހަކަތައް ވެސް ފެންމަތިވެފައި ވަނިކޮށް، އެޕް މަނާ ކުރުމުގެ އަމުރާއެކު އެ ވާހަކަ ހުއްޓިފައި އޮތް ނަމަވެސް ޓްރަމްޕްގެ ސަރުކާރުން އެ އެޕް ހިންގަން 75 ދުވަހުގެ މުހުލަތެއް ދިނުމުން، އަލުން ވިއްކާލުމުގެ ވާހަކަތައް ފަށއިފިއެވެ.

ޓެކްނޮލީއާ ގުޅޭ ބައެއް ހަބަރުތައް ބުނާގޮތުން އެޕް ވިއްކާލުމަށް ވާހަކަ ދައްކަމުން ދަނީ ޓްރަމްޕްގެ ވެސް ގާތް އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އެކްސްގެ އޯނަރު އިލަން މަސްކް އަށެވެ. ނަމަވެސް އެ ވާހަކަތައް އޭނާގެ ފަރާތުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.