އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔޭގައި މަގުބޫލުކަން ހޯދާ އެތައް މިލިއަން ބަޔަކު ބޭނުން ކުރާ ޗެޓްޖީޕީޓީ ގެ މައި ކުންފުނި އޯޕަންއޭއައި 100 ބިލިއަން ޑޮލަރަށް ގަންނަން ބިލިއަނަރު އިލޮން މަސްކް ހުށަހަޅައިފިއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެ ހާއްސަ ގަރާރަކުން އުފައްދާފައިވާ 'ޑޮޖް' ގެ ވެރިއަކަށް ވެސް ހުރި މަސްކް އަދި އެކްސް އާއި ސްޕޭސް އެކްސް އަދި ޓެސްލާ ފަދަ ކާމިޔާބު ކުންފުނިތަކުގެ ވެރިޔާ އޯޕަންއޭއައި ގަންނަނީ އާޓިފިޝަލް އިންޓެލިޖަންސް އަށް އިންގިލާބެއް ގެނެސް ކޮންޓްރޯލް ކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މަހުޖަނުންގެ ގްރޫޕެއް ހަދާ އެ ގްރޫޕުގެ އިސްވެރިއެއްގެ ގޮތުގައި މަސްކް ހުރެ އޯޕަންއޭއައި ގަންނަން ހުށަހެޅި އިރު އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމޭން އާއި މަސްކް އާ ދެމެދު މައްސަލަތަކެއް ޖެހިފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. މަސްކް ބުނާގޮތުން އޯޕަންއޭއައި އުފަންކުރަން އެއްބަސްވި ގޮތާ އޯލްޓްމޭން ވަނީ ހިލާފުވެފައެވެ. މަސްކްވެސް ފައިސާ ހަރަދު ކުރި އެ ކުންފުނި ފަށައިގެންއިރު އެއްބަސްވެފައި އޮތް ކަމަށް ވަނީ އޯޕަންއޭއައިގެ ހިދުމަތްތައް ހިލޭ ދޫކުރުމަށެވެ. ނަމަވެސް ޗެޓްޖީބީޕީ އައިސް ހިދުމަތްތަކަށް އަގުނަގަން ފެށުމުން މަސްކް ވަނީ އޯލްޓްމޭން ގޮވައިގެން ކޯޓަށް ވެސް ވަދެފައެވެ.

ނޮން ޕްރޮފިޓް ކުންފުންޏެއްގެ ގޮތުގައި އުފަންކުރި އޯޕަންއޭއައި ގެ ތެރޭގައި އޯޕަންއޭއައި އެލްޕީ ގެ ނަމުގައި ވިޔަފާރި ކޮށް ފައިދާ ހޯދާ އެހެން ކުންފުންޏެއް އޮންނަނީ ހަދާފައެވެ. ފަހުން އެ ކުންފުނިން އޭޕަންއޭއިގެ ހިދުމަތްތައްވެސް ހިންގާ ވިޔަފާރީގެ ތެރެއަށް ވަނުން މަސްކްއަށް މައްސަލައަކަށް ވީއެވެ.

އެ މައްސަލަގަނޑު ބޮޑުވެގެން ދިޔަ ވަގުތު މަސްކާއި އޯލްޓްމޭން އާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރިއެވެ. އަދި އެދުވަސްވަރު އޯލްޓްމޭން ވަނީ މަސްކް ބޭނުމިއްޔާ 9 ބިލިއަން ޑޮލަރަށް އެކްސް ގަނެފާނެ ކަމަށް ބުނެ މަސްކް އަށް މަލާމާތްވެސް ރައްދު ކޮށްފައެވެ.

އޯޕަންއޭއައި ގަންނަން މަސްކް ހުށަހެޅި އިރު، އޯލްޓްމޭން ހިމެނޭހެން ބައެއް ބިލިއަނަރުން ހިއްސާވާ އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެއް 'ސްޓާގޭޓް' ގެ ނަމުގައި އެމެރިކާގެ ރައީސް ޓްރަމްޕް ދާދި ފަހުން ވަނީ އުފައްދަވާފައެވެ. އެ ކުންފުނީގައި މަސްކްގެ ހިއްސާއެއް އަދި ނެތެވެ. އެ ކުންފުނި އުފެއްދުމާއެކު މަސްކް ވަނީ، ކުންފުންޏަށް ކަނޑައެޅި ކެޕިޓަލް ކަމަށް ވާ 500 ބިލިއަން ޑޮލަރު، އޭގައި ހިމެނޭ އިންވެސްޓަރުންނަށް ނުހޯދޭނެ ކަމަށާއި އެމީހުންގެ އަތުގައި ފައިސާއެއް ނެތް ކަމަަށް ބުނެ ފާޑުކިޔާފައެވެ.