ކެޕޭސިޓީގައި 100-123 ޓެރަބައިޓް ހުންނަ ނެޓްފްލިކްސްގެ މުޅި ކެޓަލޮގް ނުވަތަ ނެޓްފްލިކްސް އެއްކޮށް އެންމެ ސިކުންތެއްގެ ތެރޭގައި ޑައުންލޯޑް ކޮށްލެވޭ އިންޓަނެޓް ސްޕީޑް ޖަޕާނުން ޓެސްޓް ކޮށްފިއެވެ.
ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ދޫކޮށްފައި ހުރި ނެޓްފްލިކްސްގައި މިވަގުތު ހުރީ 8500 ޓައިޓަލް (ފިލްމާއި ޑްރާމާ ހިމެނޭހެން) އެވެ.
ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އެންއައިސީޓީ) އާއި ސުމިޓޮމޯ އިލެކްޓްރޯނިކް ގުޅިގެން ހިންގި މަޝްރޫއެއްގައި ސިކުންތަކު 1.02 ޕެޓަބިޓް ނުވަތަ 319 ޓެރަބައިޓްގެ ސްޕީޑް ލިބޭ އިންޓަނެޓް ވަނީ ޓެސްޓް ކޮށްފައެވެ. މި ސްޕިޑްގައި ސިކުންތަކު 50،000 ފިލްމު ޑައުންލޯޑް ކޮށްލެވޭނެއެވެ.
މިއީ ދުނިޔޭގެ ރެކޯޑެކެވެ.
19 ކޯ އޮޕްޓިކަލް ފައިބާ ކޭބަލްގެ އެހީގައި 1808 ކިލޯމީޓަރު ދުރަށް 1.02 ޕެޓަބިޓްގެ ސްޕީޑްގައި ނެޓުގެ ހިދުމަތް ފޯރުކޮށް ދީ ޓެސްޓް ކޮށްފައި ވާ އިރު، މިއީ އާންމުކޮށް ބޭނުން ކުރާ އޮޕްޓިކަލް ފައިބާ ގައި ވެސް ބޭނުން ކުރެވޭނެ ސިގްނަލް ވޭވްލެންތް ބޭންޑްސް ގައި ކުރި ޓެސްޓެއް ކަމަށް އެންއައިސީޓީ އިން ބުނެފައި ވެއެވެ.
މި ކާމިޔާބު ޓެސްޓާއެކު އެ އިދާރާއިން ބުނެފައި ވަނީ މިއީ އިންތިހާހަށް ޑޭޓާއަށް ބަރޯސާވެފައި އޮތް އަދި ކުރިއަށް އޮތް ތާނގައި ސްޕީޑަށް ބަރޯސާވާނެ ދުނިޔޭގެ ޑޭޓާ ނެޓްވޯކު ތަރައްގީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓެސްޓުގެ މަރުހަލާގައި 1808 ކިލޯމީޓަރާ ހަމައަށް ސްޕީޑްގައި ސިގްނަލް ފޮނުވާލައިގެން މި ތަހުލީލު ކޮށްފައި ވީ ނަމަވެސް އެ އިދާރާއިން އަމާޒު ހިފާފައި ވަނީ އެ ސްޕީޑްގައި ދުނިޔޭގެ އެކި ބައްރުތަކަށް އިންޓަނެޓުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސް ކުރުމަށެވެ.
1.02 ޕެޓަބިޓް އަކީ، ޑޭޓާ އަށް ބަލާނަމަ ސިކުންތަކު 125 ޓެރަބައިޓްގެ ޑޭޓާގެ މުއާމަލާތް ކުރެވޭހާ އަވަސް ސްޕީޑެކެވެ. އެހެން ކަމުން މި އާ އީޖާދާއެކު، މުޅި ނެޓްފްލިކްސްގައި ހުރިނަމަ ހުރި ފިލްމަކާއި، ޑްރާމާ، ސީރީޒް އަދި އެހެންވެސް ވީޑިއޯ ފައިލްތައް ޑައުންލޯޑް ކޮށްލަން ބޭނުންވާނީ އެންމެ ސިކުންތެކެވެ.
ޖަޕާނުން މި ޓެސްޓް ކުރި ނަމަވެސް އާންމު ދުނިޔޭގައި މިވަގުތު ހުރި ސިސްޓަމްތަކާއި ގައުމުތަކުގައި އިންޓަނެޓް ބޭނުން ކުރުމުގައި ހުންނަ ހުރަސްތަކަށް ބަލާއިރު އަދި ކައިރި މުސްތަގުބަލެއްގައި އާންމުކޮށް ބޭނުން ކުރަން ފެށޭނެ ހިދުމަތެއް ކަމަށް ނުބެލެވޭ ކަމަށް ޓެކްނޮލޮޖީގެ މާހިރުން ބުނެއެވެ.
ރާއްޖޭގައި މިވަގުތު ހުރި އިންޓަނެޓް ސްޕީޑަށް ބަލާއިރު އެންމެ މައްޗަށް ހުރީ 1 ގިގަބިޓް އެވެ. ފޯނަށް 5 ޖީ އެވެ. އެ ސްޕިޑްގައި ރާއްޖޭގައި ސްޕީޑް ބޮޑުތަނުން ދަށް ކަމުގެ ޝަކުވާ އާންމުން ކުރާ އިރު، ދޭތެރެ ދޭތެރެއިން ތްރޮޓްލް ވެ ހިދުމަތަށް ބުރޫއަރައެވެ.