އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ވަރުގަދަކޮށް ފުޅާ ކުރުމަށް 500 ބިލިއަން ޑޮލަރުގެ އާ ޕްރޮޖެކެޓެއް ޓްރަމްޕް އިއުލާން ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައި އެ ޕްރޮޖެކްޓަށް އިންވެސްޓް ކުރާ މަހުޖަނުންގެ އަތުގައި ލާރިއެއް ނުހުންނާނެކަމަށް މަސްކް ބުނެފިއެވެ.
'ސްޓާގޭޓް' ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައި އެކަން އިއުލާން ކުރުމަށް ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ތިބީ، އޯޕަންއޭއައި، ސޮފްޓްބޭންކް އަދި އޮރޭކަލްގެ ވެރިންނެވެ.
އެ ޕްރޮޖެކްޓަކީ 500 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި އިންވެސްޓަރުން މިހާރުން މިހާރަށް 100 ބިލިއަން އިންވެސްޓް ކުރާނެ ކަމަށް ވައިޓްހައުސް އިން ބުނެފައި ވަނިކޮށް މަސްކް ބުނީ، ސޮފްޓްބޭންކް ކަހަލަ ކުންފުނިތަކަށް މިހާތަނަށް ވެސް ހޯދުނީ އެންމެ 10 ބިލިއަން ޑޮލަރު ކަމަށެވެ.
ޓްރަމްޕްގެ 'ފަސްޓް ބަޑީ' ނުވަތަ އެންމެ ގާތް އެކުވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އިލޮން މަސްކް ބުނީ، ޓްރަމްޕް ގިނަ ކަންކަން ނިންމާ އިރު ވައިޓްހައުސްގެ އޯވަލް އޮފީހުގެ އޭނާވެސް އިންނަ ކަމަށެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުވެސް އިން ކަމަށާއި އެގޮތުން ޑާކްވެބްގެ ފައުންޑަރަށް މައާފު ދިން ލިޔުމުގައި ސޮއި ކުރި އިރުވެސް އިން ކަމަށެވެ.
ޓްރަމްޕް އުފެއްދެވި އޭއައި ކުންފުންޏާ މަސްކް ދެކޮޅު ވާނެ ކަމަށް މީގެ ކުރިންވެސް ބެލެވިފައި ވާ އިރު އެ ކުންފުނީގެ އިންވެސްޓަރުންގެ ތެރޭގައި ހިމެނޭ އޯޕަންއޭއައި އަދި ސީއީއޯ އާ ދެކޮޅަށް މިހާރުވެސް މަސްކް ގެންދަނީ ދައުވާއެއް ކުރަމުންނެވެ. މަސްކް ބުނާގޮތުން ސީއީއޯ އޯލްޓްމޭން އަކީ އިތުބާރު ކުރެވޭނެ މީހެއް ނޫނެވެ. އެއީ އޯޕަންއޭއައި އިން އުފެއްދި ޗެޓްޖީޕީޓީ އުފައްދަން މަސްކް ފައިސާ ހަރަދު ކުރި އިރު އެއީ ހިލޭ ލިބޭނެ ހިދުމަތެއް ކަމަށް އެއްބަސްވި ނަމަވެސް އެކަން ބަދަލުކޮށް އާންމުންގެ އަތުން އަގުނަގާ އެއްޗަކަށް އޯލްޓްމޭން ބަދަލުކުރި ކަމަށެވެ.
މަސްކްގެ ކޮމެންޓާ ގުޅިގެން ވައިޓްހައުސްގެ އާ ތަރުޖަމާން ކެރޮލިން ލީވިޓް ވިދާޅުވީ، އެމެރިކާގެ ރައްޔިތުން ބަލައިގަންނަން ވާނީ ރައީސް ޓްރަމްޕާއި ސްޓާގޭޓްގައި ބައިވެރިވާ ސީއީއޯ އިން ގެ ބަސް ކަމަށެވެ.
މަސްކް އަށް އޯލްޓްމޭން ވެސް ވަނީ ރައްދު ދީފައެވެ. އޭނާ ބުނެފައި ވަނީ، މަސްކްއަށް އޮޅިއްޖެ ކަމަށާއި މިހާރުވެސް އާ ޕްރޮޖެކްޓުގެ މަސައްކަތް ފެށިފައި ވާ ކަމަށެވެ. އަދި މިއީ އެމެރިކާއަށް ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ކަމަށާއި ގައުމަށް ފައިދާހުރި ކޮންމެ ކަމަކީ މަސްކް އަށް ފައިދާ ހުރި ކަމަކަށް ނުވާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުގައި މަސްކްގެ އާ ރޯލާއެކު 'އެންމެ ފުރަތަމަ ގައުމު' އިސްކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މަސްކް ބުނި ސޮފްޓްބޭންކް ގައި 24.3 ބިލިއަން ޑޮލަރު ހުރި ކަމަށް ބެލެންޝީޓުން ދައްކައެވެ. އަދި އެމްޖީއެމް އިން 100 ބިލިއަން އިންވެސްޓް ކުރާނެ ކަމަށާއި އޮރެކަލް އިން 11 ބިލިއަން އަދި އޯޕަންއޭއައި އިން 10 ބިލިއަން މިހާރުވެސް އިންވެސްޓް ކުރާނެކަމަށް ހަބަރުތައް ބުނެއެވެ. އަދި މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެއްލާ ބުނެފައި ވަނީ އޭނާއަތުގައި ހުރި 80 ބިލިއަން ޑޮލަރުވެސް އެބަހުރި ކަމަށެވެ.
މަސްކް ގެ ކޮމެންޓްތަކާ ގުޅިގެން ނުތަނަވަސްކަމެއް އުފެދިފައި ވާ އިރު، އަލަށް އުފެއްދި ސްޓާގޭޓްގައި ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުން ހިމެނޭކަމެއް އަދި ޔަގީނެއް ނޫނެވެ. އޭގެ ތެރޭގައި މާކް ޒަކަބާގް، ޖެފް ބެޒޯސް، ލެރީ އެލިސަން، ބާނާޑް އާނޯލްޓް، ވަރެން ބުފެޓް، ބިލް ގޭޓްސް ފަދަ މީހުން ހިމެނެއެވެ.