ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަލުން އަންނަން ފަށައިފިއެވެ.

ޗައިނާ ފަތުރުވެރިން ގޮވައިގެން އައި އެ ގައުމުގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓް ވެލާނާ އެއާޕޯޓުގައި ޖެއްސުމުން އެންމެ ފުރަތަމަ މަރުހަބާ ކީ ވޯޓާ ސެލިއުޓަކުންނެވެ. އެއަށްފަހު ބޯޓުން ފޭބި ކޮންމެ ފަތުރުވެރިއަކަށް ފިނިފެންމަލެއް ދީ، ބޮޑުބެރާއި ސަގާފީ ނެށުމަކުން ވަނީ މަރުހަބާ ކިޔައިފައެވެ.

މިއަދު އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދާއި، ޗައިނާގެ ސަފީރު ވާން ލީޝިންގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް އެއާޕޯޓަށް ވަޑައިގެންފައިވެއެވެ.

ޗައިނާގެ ބެއިޖިން ކެޕިޓަލް އިން އައި ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި --- ފަތުރުވެރިންނަށް އެއާޕޯޓުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އެއާޕޯޓުގައި ބޭއްވި ކުޑަ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އިނގިރޭސިބަހުން ދެއްވި ބަސްދީގަތުމެއްގައި ތައްޔިބު ވިދާޅުވީ، ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އިން ރާއްޖެ އަށް ފަތުރުވެރިން އަންނަން ފެށުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެ ގައުމުން ފަތުރުވެރިން އަންނަން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ޗައިނާ މާކެޓަކީ ރާއްޖެއާ އެންމެ ރައްޓެހި އެއް މާކެޓު ކަމަށާއި، ޗައިނާގެ ފަތުރުވެރިން ތިބީ ރާއްޖެ އަންނަން ކެތްމަދުވެފައި ކަމަށެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ޗައިނާގެ ފަރާތްތަކުން ވެސް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރު ޗައިނާގެ ފަތުރުވެރިން ބޯކޮށް ރާއްޖެ އަންނާނެއެވެ.

"ކުރިން ރަންޒަމާނުގައި 30 ޕަސެންޓާ ހަމައަށް ފަތުރުވެރިން [ކޮންމެ އަހަރަކު] އައި، 360 ހާހާ ގާތްކުރާ އަދަދަށް ފަތުރުވެރިން އައި. އެންމެފަހުން 2019 ހިސާބުގައި 280 ހާސް [ފަތުރުވެރިން] ވަރު އައީ. އެހެންވީމާ އެވަރު މި އަހަރު ނަޔަސް އަޅުގަނޑުމެން މި ބަލަނީ އެއް ލައްކަ އަށް ވުރެ މައްޗަށް ޖައްސާލެވޭނެ ހެން. އެހެންވީމާ [ފަތުރުވެރިކަމަށް] ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

"އުންމީދު ކުރެވެނީ ގަދަ 3 ގައި ޗައިނާ ގުނާލާނެ ކަމަށް މި އަހަރު ނިމެން ވާއިރަށް،"
ޑރ. އަބްދުالله މައުސޫމް | ޓޫރިޒަމް މިނިސްޓަރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާގެ ފަތުރުވެރިން އަވަހަށް އަންނަން ފެށުމުން ސަރުކާރުން ލަފާކޮށްފައިވާ އަދަދަށް ބަދަލެއް އައުން އެކަށީގެންވެއެވެ. މައުސޫމް ލަފާކުރައްވާ ގޮތުގައި މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވާ އަދަދަށް ވުރެ 10 ޕަސެންޓު އިތުރަށް ފަތުރުވެރިން އަންނާނެއެވެ.

ޗައިނާގެ ބެއިޖިން ކެޕިޓަލް އިން އައި ފަތުރުވެރިންގެ އާއިލާ އަކުން ޓާމިނަލަށް ދާން ބަހުގައި / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

ޗައިނާގެ ސަފީރު ވާން ލީޝިން ވިދާޅުވީ، ތިން އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު ޗައިނާ އިން ރާއްޖެ އަށް ފަތުރުވެރިން އަންނަން ފެށުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. ރާއްޖެ އައި ޗައިނާގެ ފަތުރުވެރިން އެއާޕޯޓުން ކީ މަރުހަބާ ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ޗައިނާގެ ފަތުރުވެރިން ރާއްޖޭގައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ޗައިނާ އިން ރާއްޖެ އަށް ފަތުރުވެރިން އަންނަން ފެށުމުން ރާއްޖޭގެ އިގްތިސޯދު ކުރިއަރައި، ދެ ގައުމުގެ ސަގާފަތާއި އާދަކާދަ ދަސްވެ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވިއެވެ.

ބެއިޖިން ކެޕިޓަލުން ރާއްޖެ އަށް ޗާޓަރު ދަތުރުތަކެއް ކުރާއިރު ޖުމްލަ ހަތަރު ދަތުރެއް ކުރާނެއެވެ. މިއަދުގެ އިތުރުން، މި މަހުގެ 22 އާއި 27، އަދި އަންނަ މަހުގެ ފުރަތަމަ ދުވަހު އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ކުރާނެއެވެ. އޭގެ އިތުރުން މި މަހުގެ 28 އިން ފެށިގެން ޗައިނާ އީސްޓާން އެއާލައިންސް އިން ކޮންމެ ހޮނިހިރު ދުވަހަކު ރާއްޖެ އަށް ދަތުރުކުރާނެއެވެ.

ކޮވިޑް-19 ގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އަންނަނީ ޗައިނާ އިންނެވެ.