ކަނޑޫމާތިލަ ކައިރިއަށް ޑައިވިންއަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މިއަދު ހަވީރު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އޭނާ ނަގާފައި ވަނީ މިއަދު ހަވީރު 5:17 ހާއިރު ކަމަށެވެ.

އޭނާ އޮތީ މަރުވެފައެވެ.

އެ ފަތުރުވެރިޔާ އަކީ މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. ގެއްލުނު ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގް ގިއަރަކާއި ހުދު ކުލައިގެ މާސްކެކެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު ލިބިފައި ވަނީ ހެނދުނު 10:02 ހާއިރެވެ. އެއާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.