މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.4 ލައްކައަށް އަރާފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނަ އަށް ޔޫކޭ އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެއަށް ވަނީ ޖުމްލަ 736،775 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 693،869 ފަތުރުވެރިން އައިސްފައެވެ. 2023 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 606،406 ފަތުރުވެރިން އައިސްފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި މިނަވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ. ކުރީ އަހަރުތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ މަސް ތަކަކީ ފެބްރުއަރީ އާއި ޑެސެމްބަރެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން
- ޖެނުއަރީ - 214،863 ފަތުރުވެރިން
 - ފެބްރުއަރީ - 214،091 ފަތުރުވެރިން
 - މާޗް - 203،464 ފަތުރުވެރިން
 - އޭޕްރީލް 15 އާ ހަމައަށް: 104،357 ފަތުރުވެރިން
 
މިދިޔަ މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ އެއްވަނައިގައި އޮތީ ޗައިނާ، ދެވަނައިގައި ރަޝީއާ އަދި ތިން ވަނައިގައި ޔޫކޭ އެވެ. ނަމަވެސް މި މަހުގެ 15 މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު މިހާރު ދެވަނައިގައި އޮތީ ކުރިން މަހުގެ ތިން ވަނައިގައި އޮތް ޔޫކޭއެެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:
- ޗައިނާ - 81،001 ފަތުރުވެރިން
 - ޔޫކޭ - 80،535 ފަތުރުވެރިން
 - ރަޝިއާ - 76،243 ފަތުރުވެރިން
 - އިޓަލީ - 63،995 ފަތުރުވެރިން
 - ޖަރުމަނު - 57،081 ފަތުރުވެރިން
 - އިންޑިއާ - 36،941 ފަތުރުވެރިން
 - ފްރާންސް - 28،983 ފަތުރުވެރިން
 - ޔޫއެސްއޭ - 23،720 ފަތުރުވެރިން
 - ސްވިޓްޒަލޭންޑް - 16،766 ފަތުރުވެރިން
 - ޕޮލެންޑް - 14،184 ފަތުރުވެރިން
 
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 62،073 އެނދު ހުރިއިރު އޭގެތެރޭގައި 175 ރިސޯޓުގައި ހުރި 43،147 އެނދު، 823 ހޮޓާ އަދި ގެސްޓްހައުސްގައި 15800 އެނދު އަދި 156 ސަފާރީ އުޅަނދު ފަހަރުގައި ހުރި 3126 އެނދު ހިމެނެއެވެ.
މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ 9،605 ފަތުރުވެރިން ރާއްޖެއަށް އައި މާޗް މަހުގެ 29 ވަނަ ދުވަހެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކީ 9،199 ފަތުރުވެރިން އައި އެ މަހުގެ 25 އެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 9،518 ފަތުރުވެރިން އައި އެ މަހުގެ 16 ވަނަ ދުވަހެވެ. މި ހިންގާ އޭޕްރީލް މަހުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 8778 ފަތުރުވެރިން އައި މި މަހުގެ 13 ވަނަ ދުވަހެވެ.
