ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ބުނީ، ގެއްލިފައިވަނީ މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެއް ކަމަށެވެ.

އަދި ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގް ގިއަރަކާއި ހުދު ކުލައިގެ މާސްކެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު 10:02 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މައުލޫމާތު ދެއެވެ.

މީގެ ކުރިން ވެސް ސްނޯކްލިން އަށާއި ޑައިވިނަށް ދާ ފަތުރުވެރިން ގެއްލިގެން އެމްއެންޑީއެފް އިން މަސައްކަތް ކޮށްފައި ވެއެވެ.