މިއަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެއަށް ވަނީ ޖުމްލަ 806،110 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 749،225 ފަތުރުވެރިން އައިސްފައެވެ. 2023 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 666،842 ފަތުރުވެރިން އައިސްފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ. ކުރީ އަހަރުތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ މަސް ތަކަކީ ފެބްރުއަރީ އާއި ޑެސެމްބަރެވެ.
ޒިޔާރަތްކުރި ފަތުރުވެރިން
- ޖެނުއަރީ - 214،863 ފަތުރުވެރިން
- ފެބްރުއަރީ - 214،091 ފަތުރުވެރިން
- މާޗް - 203،464 ފަތުރުވެރިން
- އޭޕްރީލް 26 އާ ހަމައަށް: 173،692 ފަތުރުވެރިން
މިދިޔަ މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ އެއްވަނައިގައި އޮތީ ޗައިނާ، ދެވަނައިގައި ރަޝީއާ އަދި ތިން ވަނައިގައި ޔޫކޭ އެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު މިހާރު ދެވަނައިގައި އޮތީ ކުރިން ތިން ވަނައިގައި އޮތް ޔޫކޭއެެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:
- ޗައިނާ - 87،731 ފަތުރުވެރިން
- ޔޫކޭ - 85،690 ފަތުރުވެރިން
- ރަޝިއާ - 82،833 ފަތުރުވެރިން
- އިޓަލީ - 74،437 ފަތުރުވެރިން
- ޖަރުމަނު -62،346 ފަތުރުވެރިން
- އިންޑިއާ - 41،197 ފަތުރުވެރިން
- ފްރާންސް - 30،995 ފަތުރުވެރިން
- ޔޫއެސްއޭ - 25،869 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 19،641 ފަތުރުވެރިން
- ޕޮލެންޑް - 14،914 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 61،375 އެނދު ހުރިއިރު އޭގެތެރޭގައި 172 ރިސޯޓުގައި ހުރި 42،085 އެނދު، 837 ހޮޓާ އަދި ގެސްޓްހައުސްގައި 16110 އެނދު އަދި 157 ސަފާރީ އުޅަނދު ފަހަރުގައި ހުރި 3180 އެނދު ހިމެނެއެވެ.
މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ 9،605 ފަތުރުވެރިން ރާއްޖެއަށް އައި މާޗް މަހުގެ 29 ވަނަ ދުވަހެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކީ 9،199 ފަތުރުވެރިން އައި އެ މަހުގެ 25 އެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 9،518 ފަތުރުވެރިން އައި އެ މަހުގެ 16 ވަނަ ދުވަހެވެ. މި ހިންގާ އޭޕްރީލް މަހުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 8778 ފަތުރުވެރިން އައި މި މަހުގެ 13 ވަނަ ދުވަހެވެ.
ފަތުރުވެރިކަމުގެ ހިދުމަތުގައި ރާއްޖެ ހޭދަ ކުރި 53 އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް ވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރިއަރީ މަހެވެ. އެ މަހު 217،392 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު 10،213 ފަތުރުވެރިން އައިސްފައި ވެއެވެ.